މަނީލޯންޑާ ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ކުރި ހުކުމުން އެނގެނީ، ޖުޑިޝަރީއަށް ސަރުކާރުން ބަދަލު ގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓް ކޮށްގެންކަން ކަމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދު އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ހައިކޯޓުުގެ ހުކުމަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓުގައި ޑރ. ޖަމީލު ވިދާޅުވީ، އިންސާފު ނުދިނުމަކީ އެންމެ ބޮޑޫ އޮޅުވާލުން ކަމަށެވެ.
ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުން އައި ޒަމާންވީ ސަގާފަތް ބަދަލުކުރަން މި ސަރުކާރުން ވީ ވައުދު ބޮޑު އޮޅުވާލުމަކަށް ވެފައިވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި "މިކަމުގެ ހިތި މިބޭފުޅުންވެސް ދެކޭނެ" ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި އެ ފައިސާއިން ފައިދާ ހޯދަމުން އަންނަ ކަން ވެސް ވަނީ ސާބިތުވެފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލާފައިވަނީ އެމްއެމްޕީއާރުސީން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށްކުރި ހުކުމަށް ތާއީދުކޮށް އެ ހުކުމް ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު