ރިސޯޓުތަކުން ކޮވިޑް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވުމާ ގުޅިގެން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ މުވައްޒަފުންވެސް ކަރަންޓީނު ވާން ޖެހޭ ގޮތަށް ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މީގެ ކުރިން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓުތަކަށް އެއް ރިސޯޓުން އަނެއް ރިސޯޓަށްދާ މުވައްޒަފުން ކަރަންޓީން ވާކަށް ނުޖެހެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާއިރު ރިސޯޓުތަކުން މި ބަލި ފެންނަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަމަށެވެ. އެހެން ކަމުން މި މިންވަރު މަދުކޮށް ރައްކާތެރިވުމުގެ ގޮތުން، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުވައްޒަފަކަށް މަސައްކަތަށް ނިކުމެވޭނީ ކަރަންޓީނު މުއްދަތު ހަމަކޮށް ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް ވިދާޅުވި އެވެ.

މިއަހަރު ފެށުނު ފަހުން ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ މިންވަރު ވަނީ އިތުރު ވެފަ އެވެ. އަދި ގިނައިން މި ބައްޔަށް ޕޮޒިޓިވް ވަނީ މުވައްޒަފުންނެވެ. އެގޮތުން މިމަހުގެ މިހާތަނަށްވެސް ރިސޯޓުތަކުން އެކަނިވެސް 300 އަށްވުރެ ގިނަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.