ޚަބަރު

އެސްޓްރާޒެނެކާ ވެކްސިން ޖަހަން މަޖުބޫރުކޮށްގެން ނުވާނެ: އިދިކޮޅު

އަލީ އަފާފް ރަމީޒު

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެސްޓްރާޒެނެކާ ވެކްސިން ޖަހަން އެއްވެސް ރައްޔިތަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓު މިއަދު ވަނީ ރާއްޖެ އައިސްފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަކީ ކޯލިޝަނުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށާއި އެހެންކަމުން ބޮޑު ހަރަދެއްކޮށްގެން ނަމަވެސް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމިއްޔާއިން ކަށަވަރުކޮށްދީފައިވާ ވެކްސިނެއް ކަމަށެވެ. އަދި ދުނިޔޭގެ ސިއްގަތު ޖަމިއްޔާއިން ވަނީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ވެކްސިންތަކެއް ހާމަކޮށްފައި ކަަމަށްވެސް ބުންޏެވެ.

ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިނަކީ އެ ވެކްސިނަކާ ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށްފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާ ބެހޭ މާހިރުންގެ ރައުޔާ އެއްގޮތަށް އުފައްދާ އެއްޗެއް ކަމުން އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަންސްއާ މެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ނަމަވެސް ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިނަކީ ޑަބްލިއުއެޗްއޯއިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށާއި އެ ވެކްސިނަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގަތު ހުރި ވެކްސިނެއް ކަމަށެވެ. އަދި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ މި ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ، އަދި ހިތާމަކުރާ ކަމެއް. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިނެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް މި ކޯލިޝަނުން ގޮވާލަން. އަދި ވެކްސިނެއް ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް މި ކޯލިޝަނުން ގޮވާލަން،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ފުރަތަމަ ޝިޕްމެންޓުން ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ވަނީ މިއަދު ރާއްޖެ ގެނެސްފައެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން އަދި ވެކްސިން ޓާސްކު ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައެވެ.