އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 78އަށް އަދި އޮބްލޫ ސަންގެލި ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 70އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޮޅުވެލި ރިސޯޓުން އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 78 އަށް އަރައިފައެވެ.

އެ ރިސޯޓުން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓުކުރި މުވައްޒަފުންތަކެކެވެ.

އޮޅުވެލީގެ އިތުރުން ރިސޯޓުތަކުން އެންމެ ބޮޑު އައުޓްބްރޭކެއް ދެން އޮތީ ސަންގެލި ރިސޯޓުގައެވެ. އެ ރިސޯޓުންވެސް މިއަދު ވަނީ އިތުރު ހަ މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 70 އަށް އަރައިފައެވެ.

"އޮބްލޫ ސެލެކްޓް ސަންގެލީގައިވެސް 70 ޕޮޒިޓިވް ސްޓާފުން އަޅުގަނޑުމެންނަށް މިވަނީ އައިޑެންޓިފައި ކުރެވިފައި. އެ މީހުންގެ 65 ކޮންޓެކްޓުން އެބަތިބި. މިއަދު އެރަށުން އިތުރު ހަ މީހަކު ޕޮޒިޓިވްވެފަައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޮޅުވެއްޔާއި ސަންގެލީގެ އިތުރުން އަނަންތަރަ ކިހާވަކާއި އިރުވެލި ރިސޯޓާއި ރެސިޑެންސް މޯލްޑިވްސްގެ އިތުރުން އަދާރަން ކްލަބު ރަންނާޅިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.