އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތުކުރެވޭ، އަބްދުﷲ އިބްރާހީމް (އަބުޗާ) 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން އޭނާ ބަންދުން ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.
އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އަބުޗާއަށް ޕެރޯލް ދިނުމުގައި އޭނާ ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އިހްސާން ވިދާޅުވީ ޕެރޯލް ބޯޑުގެ އެ ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
ޕެރޯލަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް، ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުޖުތަމައަށް ނުކުތުމަށް ގާނޫނުން ދޭ ހާއްސަ ލުޔެކެވެ. ޕެރޯލްގެ ދަށުން ބަންދުން ދޫކޮށްލަނީ ޝަރުތުތަކާއެކުގައެވެ. އެގޮތަށް ކަނޑައަޅާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، އެ މީހަކު އަލުން އަނބުރާ ޖަލަށް ބަދަލުކުރާނެއެވެ.
އަބުޗާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 2020 ގައި ފުލުހުން އައްޑޫ ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި 61 ކިލޯގެ ޑައިމޯފިން އަދި ގާތްގަނޑަކަށް 18 ކިލޯގެ މެޓަމްފެޓަމިން އަތުލައިގެންފައިވެއެވެ. ފުލުހުން ފެނުމުން ޑިންގީގައި ހުރި މަސްތުވާތަކެތީގެ ގޯނިތައް ކަނޑަށް އުކާލި ނަމަވެސް، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ހޯދައި، އަބުޗާއާއެކު އިތުރު 17 މީހަކު ހައްޔަރުކުރިއެވެ.
މި މައްސަލައިގައި އަބުޗާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، އޭނާ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން މިދިޔަ އަހަރުގެ މެއި މަހު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްދީފައެވެ. އެހެންކަމުން، ބަންދުގައި ހުރި މުއްދަތާއެކު އޭނާ ޖަލުގައި ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް ހަ އަހަރެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބަޔާންކުރާ ގޮތުގައި ޕެރޯލްގެ ފުރުސަތު ދެވެނީ ހުކުމުގެ ބޮޑު ބައެއް ތަންފީޒުކޮށް، ޖަލުގައި ރަނގަޅު އަހުލާގެއް ދައްކައި، ރިހެބިލިޓޭޝަން ފުރިހަމަކޮށް، މުޖުތަމައަށް ނުރައްކަލެއް ނެތްކަމަށް ފެންނަ ހާލަތްތަކުގައެވެ.
މަސްތުވާތަކެތީގެ ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން، މިހާރު މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް ޕެރޯލްގެ ފުރުސަތު ބަންދުކޮށްފައިވެއެވެ.
އަބުޗާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަށް ފަހަރަށް ވުރެ ގިނައިން ހައްޔަރުކޮށްފައިވާ، އަދި ގޭންގް ރޭޕްގެ ތުހުމަތުތައްވެސް ކުރެވިފައިވާ ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ.
މީގެ ކުރިން 2019 ވަނަ އަހަރު މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކުރުމުން، ނެޓްވޯކްގެ އެހެން މީހަކު ލައްވާ ކުށުގެ ޒިންމާ ނަންގުވައިގެން ކޯޓު މަރުހަލާއިންވަނީ ސަލާމަތްވެފައެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް