ޚަބަރު

ފުރަތަމަ ޝިޕްމެންޓުން 50،000 މީހުންނަށް ވެކްސިން ދެވޭނެ: ޑރ. ނަޒްލާ

އަލީ އަފާފް ރަމީޒު

އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން އަދި ވެކްސިން ޓާސްކު ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓު މިއަދު ވަނީ ރާއްޖެ އައިސްފައެވެ. ފުރަތަމަ ޝިޕްމެންޓުން ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ވަނީ ރާއްޖެ ގެނެސްފައެވެ.

ޕީއެސްއެމަށް މައުލޫމާތުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ އިންޑިއާ ސަރުކާރުން މިއަދު ގެނައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓުގެ ދަށުން ދެ ޑޯޒު ދޭން ޖެހޭއިރު ގާތްގަނޑަކަށް 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.

"ގާތްގަނޑަކަށް 50،000 މީހުންނާ ގާތްކުރާ އަދަދަކަށް މީގެން ޖެހޭނެ. ކޮންމެވެސް ވަރަކަށް ވޭސްޓޭޖްވެސް އަންނާނެ. ހާއްސަކޮށް އަޅުގަނޑުމެން ކުދިކުދި ރަށްރަށުގައި ޖަހާއިރުގައި. އެހެންވިޔަސް ގާތްގަނޑަކަށް 50،000 މީހުންނަށް މި ވެކްސިނުން ޖެހޭނެ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ސީދާ ވެކްސިން ދޭން ފެށޭނެ ތާރީހެއް ދަންނަވަން ދަތި ކަމަށާއި އެއީ ރެގިއުލޭޓަރީ އެޕްރޫވަލްސްތަކާއި ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތަކަށް އަދި ވަގުތު ނަގާނެތީ ކަމަށެވެ. އަދި ވެކްސިން ދެވޭނީ މީހުން ތަމްރީންކުރުމާއި ވެކްސިން ޑިސްޓްރިބިއުޓް ކުރުމާއި ސްޓޯރޭޖް ކުރުމުގެ މަސައްކަތްތައް ނިމި، ތައްޔާރުވެގެން ކަމަށެވެ.

ނަޒްލާ ވިދާޅުވީ އިންޑިއާ އިން ފޯރުކޮށްދިން ވެކްސިންގެ އިތުރުން ވެސް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން ހަތް ލައްކަ ޑޯޒު ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ އާބާދީގެ 20 ޕަސަންޓަށް ހިލޭ ވެކްސިން ލިބޭ އިރު، އިންޑިއާ އިން ފޯރުކޮށްދިން ވެކްސިން ވެސް އެ ފެސިލިޓީގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދާފައިވާ ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް ނިންމައި، އެކަމާގުޅޭ ގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ސޮއިކުރަން ނިންމާފައިވާކަން ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

އެ ވެކްސިން ހޯދުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފައެވެ.