އިންޑިއާ އިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނައުމުން އެގައުމުގެ ސަރުކާރަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ރާއްޖެއަށް މިއަދު ލިބުމަކީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތި އުދަނގޫ 10 ވަރަކަށް މަސް ދުވަހަށްފަހު އެބަލިން ސަލާމަތްވުމުގެ އުންމީދު އާވެގެންދާ ދުވަހެއް ކަމަށެވެ.

"މިއަދު މި ލިބޭ ވެކްސިނަކީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް. އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އިން މިއަދު ރާއްޖެ ގެންނަ ކޮވިޑު ވެކްސިނަކީ އެގައުމުގެ ސީރަމް އިންސްޓްޓިއުޓް އިން އުފައްދާ އޮކްސްފޯޑް – އެސްޓްރެޒެނެކާގެ "ކޮވިޝިލްޑް" ވެކްސިނެވެ.

އެ ވެކްސިންގެ އެއް ލައްކަ ޑޯސް ރާއްޖެއަށް ގެންނައިރު، އެ ޝިޕްމަންޓަކީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރީންނާއި ދޮށީ އުމުރުގެ މީހުން އަދި ދިގު މުއްދަތަކަށް ބަލިތަކަށް ބޭސްކުރާ މީހުންނަށް ގެންނަ ވެކްސިނެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ކޮވިޑު ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އެބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސިއްހީ މާހިރުންގެ ލަފަޔާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަން ހާސިލުކުރުމަށްޓަކައި، މިއަދާ ހަމައަށް އައި އިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް މިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައި. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން،" ރައީސް ވިދާޅުވި އެވެ.