ޚަބަރު

އެޗްޕީއޭ އިން އިންތިހާބާ ބެހޭ ގައިޑްލައިން ފޮނުވައިފި، ގައިޑްލައިނުގައި އީސީން ކަންބޮޑުވާ ކަންތައްތަކެއް

އަލީ އަފާފް ރަމީޒު

ސިއްހި ކުއްލި ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ، އަމަލު ކުރަންޖެހޭނެ ގައިޑްލައިންގެ ޑްރާފްޓް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ހާއްސަ ގާނޫނަށް އިސްލާހު ގެނެސް، މިއަދު ވަނީ މަޖިލީހުން އެ ބިލް ފާސްކޮށްފައެވެ. އެގޮތުން އިންތިހާބު ބޭއްވޭނީ އާއްމު ސިއްހަތުގެ ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް މިއަދު "ވަން" އަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގައިޑްލައިންގެ ޑްރާފްޓެއް މިއަދު ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޑްރާފްޓާ ގުޅޭގޮތުން މާދަމާ އިންތިހާބާ ބެހޭ އެޑްވައިޒަރީ ކޮމެޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00ގައި ކަމަށެވެ.

"އެއީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ އަދި މި ގައިޑްލައިނާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުން ދެކެނީ ކޮން ގޮތަކަށްތޯ. އަދި އުނދަގޫކޮށް ހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި އެބޭފުޅުންނާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެޗްޕީއޭ އިން ފޮނުވި ޑްރާފްޓުގައި ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އޮފިޝަލުން ތަމްރީނުކުރަން ރަށްތަކަށް ފޮނުވާ މީހުން 10 ދުވަހަށް ކަރަންޓީނުވާން ޖެހުމާއި ބެކަޕް އޮފިޝަލުން ނަގަން ޖެހުމުގެ އިތުރަށް ވޯޓްލާ ކިޔު ތަރުތީބު ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތަކުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިސާލަކަށް އޮފިޝަލުންގެ ބަޔަކު ކުއްލިއަކަށް ކަރަންޓީންވެ، ޕޮޒިޓިވްވެއްޖެއްޔާ ދެން ކަންތައް ކުރަންޖެހޭނެ ގޮތް އަޅުގަނޑުމެންނަށް އެބޭފުޅުން ހުށަހަޅުއްވާފައި އޮތް ޕްލޭނަކީ އިތުރު އޮފިޝަލުން ނަގާށޭ. އިތުރު އޮފިޝަލުން ނެގުމަކީ އަނެއްކާ ބަޖެޓަށް އިތުރަށް ބުރަ ބޮޑުވެގެން ދާނެ ކަމެއް. އަނެއްކާ ޓްރެއިނަރުން 10 ދުވަސް ކުރިން ކަރަންޓީނަށް ފޮނުވައިފިއްޔާމު އެ 10ގެ ހަރަދު އަނެއްކާ ބޮޑުވާނެ. އެހެންވީމަ ތަންކޮޅެއް ހަރަދު ބޮޑު ކަހަލަ ގޮތަކަށް ގައިޑްލައިން އޮތީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޯޓުލާ ކިޔު ތަރުތީބު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ސަބަބުން އިންތިހާބުގައި ވޯޓުލުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށާއި އެހެންކަމުން ގިނަ ބަޔަކު ވޯޓުނުލައި އަނބުރާ ގެއަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ވޯޓުލާ ނިސްބަތުގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް 12 މަރުކަޒު ހުންނަންޏާ 12 މަރުކަޒުގެ ކިޔޫއަށް 30 އަކަށް މީހުން ވެއްދޭނީ އެއް ފަހަރާ. އެހެންވިއްޔާ ބާކީ ހުރިހާ އެންމެން ތިބެންޖެހޭނީ ބޭރުގައި. ކިޔޫއިން މީހުން ހުސްވާ މިންވަރަށް ވެއްދޭނީ. އެކަހަލަ އިންތިޒާމުތަކެއް ހަމަޖައްސަން ގައިޑްލައިންގައި އޮތީ. އެހެންވެއްޖެ ކަމަށްވަންޏާމު ވަރަށް ގިނަ ބަޔަކު މާގިނަ ވަގުތު މަޑުކުރަން ޖެހުމުގެ ސަބަބު ވޯޓުނުލައި އަނބުރާ ދިއުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް. އެހެންވީމާ އެންމެ ބޮޑު ބިރަކީ ވޯޓާ ޓާންއައުޓް ވަރަށް ބޮޑަށް މަދުވެ، މި އިންތިހާބުގެ ވެލިޑިޓީއާމެދު ގިނަ ބަޔަކު ސުވާލު އުފައްދަފާނެ. މަދު ބަޔަކު ވޯޓުލީމަ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެ ޑްރާފްޓާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މާދަމާ މަޝްވަރާތައް ކުރުމަށްފަހު، ހުރި ކަންބޮޑުވުންތައް މި ހަފުތާ ތެރޭގައި އެޗްޕީއޭއާ ހިއްސާ ކުރެވޭނެ ކަމަށެވެ.