ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެ ގޮތަށް، ހާއްސަ ގާނޫނަށް މަޖިލީހުން އިސްލާހު ގެނެސްފި

އިބްރާހިމް ޒަކީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ގޮތަށް، ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، އެ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހެނީ ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެންވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށްގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައެޅުމަށެވެ.

އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވިއެވެ.

އެބިލުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި މި ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާދުވަހުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނު މަޖިލީހުން ފާސް ކުރުމުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، 2020 ވަނަ އަހަރުގެ މެއި މަހުގެ 10 ގައެވެ. އެހެންކަމުން އެދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.

މި ގާނޫނުގައި ބުނާގޮތުން، މި ގާނޫނަށް އަމަލު ކުރަން ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަން ޖެހެއެވެ. އެހެންކަމުން އަންނަ މެއި މަހުގެ 10 ގެކުރިން އިންތިހާބު ބާއްވައި ނިންމަން ޖެހޭނެ އެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިދާނެކަމުގެ މަންޒަރެއް ނުފެނެއެވެ.

އަނެއްކޮޅުން އިންތިހާބު ބޭއްވުމާބެހޭ އެއްވެސްކަމެއް ގާނޫނުގައިބުނާގޮތުން އިލެކްޝަންސް ކޮމިޝަނަށް ކުރެވެން އަންނަނީ އެހާލަތު އުވައިލިވިގެންނެވެ.

އެހެންކަމުން "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫން 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅީ، މި ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަކީ މުހިއްމުކަމެއްކަމަށް ގަބޫލު ކުރެވިގެންނެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 38 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހުން ފާސްކުރީ، އިންތިހާބާބެހޭ ބައެއް ކަންތައްތަކަށް، އިންތިހާބާހޭ އާއްމު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް ކުރު ކުރުމަށް ސަރުކާރުން ބިލުގައި ހިމެނި މާއްދާތައް އުނި ކުރުމަށްފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކޮށް ހުށަހެޅި ގޮތަށެވެ.

އެގޮތުން އިންތިހާބު ބޭއްވުމުގެ 45 ދުވަސްކުރިން ވޯޓަށް ނެރެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު، 30 ދުވަހަަށް ކުރު ކުރުމަށާއި، ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން އޮންނަ 10 ދުވަސް 5 ދުވަހަށް ކުރު ކުރުމަށާއި، އިންތިހާބާބެހޭގޮތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ޝަކުވާއާ ގުޅިގެން އެކޮމިޝަނުން ދޭ ޖަބާވާމެދު ހިތްހަމަ ނުޖެހިއްޖެނަމަ ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ކަނޑައަޅާފައިވާ 15 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރުމަށް ވެސް ސަރުކާރުން ބިލުގައި ހިމެނިއެވެ.

އެބައިތައް ބިލުން ވަނީ އުނިކޮށްފައެވެ.

މިހާރު ބިލު އޮތް އޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ އެވެ. ނަމަވެސް އިންތިހާބު ބޭއްްވޭނީ، އާއްމު ސިއްހަތުގެ ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅު ތަކާއި އުސޫލު ތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވާލުމުގައި މިނިވަން ކަމާއި އިންސާފުވެރިކަމާއި، ހަމަހަމަ ކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިންތިހާބު ގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލައި ތާރީހެއް ކަނޑައެޅުމާއެކުގައި ކަމަށާއި އެ ތާރީހު ކަނޑައަޅަންވާނީ އެ ތާރީހު ކަނޑައެޅުމާއި އިންތިހާބުގެ ކަންކަން ފެށުމާ ދެމެދު މަދުވެގެން ތިންދުވަހުގެ ނޯޓިހެއް ލިބޭނެ ފަދައަކުން ކަމަށްވެސް ބުނެފައި ވެއެވެ.

ބިލުގައި ބުނެފައި ވަނީ މިގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނެ ކަމަށެވެ. އަދި މޭ 10 ގެކުރިން އިިންތިހާބު ބޭއްވުމަށް ހުރަސް އެޅޭފަދަ އެއްވެސް ހާލަތެއް މެދުވެރި ވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުން އެކަން މަޖިލީހަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގާނޫނަށް އަަމަލުކުރަން ފަށާނީ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރުމުންކަމަށް ވެސް ވަނީ ހިމަނައިފައެވެ.