މިއަހަރުގެ ފުރަތަމަ 17 ދުވަހުގެ ތެރޭ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 50،000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 50،611 ފަތުރުވެރިޔަކު ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހަށްވުރެ ވެސް ބޮޑުތަނުން އިތުރު އަދަދެކެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ޒިޔާރަތްކުރި އިރު، ނޮވެމްބަރު މަހު ޒިޔާރަތްކުރީ 35،759 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 12،029 ފަތުރުވެރިންނެވެ. ރަޝިއާ އަކީ މިދިޔަ އަހަރު ދެވަނަ މާކެޓެވެ.
މިދިޔަ އަހަރުގެ އެއްވަނަ މާކެޓު ކަމަށްވާ އިންޑިއާ އިން މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 8042 ފަތުރުވެރިންނެވެ. އަދި ޔުކްރެއިނުން 4292 ފަތުރުވެރިން އައިސްފައިވެ އެވެ.
މިއަހަރުގެ ޓޮޕް މާކެޓްތަކަށް ބަލާއިރު ރަޝިއާ، އިންޑިއާ އަދި ޔުކްރެއިންގެ އިތުރުން ދެން ހިމެނެނީ ކަޒަކިސްތާން، ރޯމޭނިއާ، ފްރާންސް، ޔޫކޭ، ޖަރުމަން، އެމެރިކާ އަދި ސްވިޒަލެންޑެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 585 ޓޫރިސްޓް ފެސިލިޓީއެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 142 ރިސޯޓަކާއި 11 ހޮޓަލަކާއި 133 ސަފާރީއެއްގެ އިތުރުން 299 ގެސްޓްހައުސް އެކެވެ. މިތަންތަނުން ޖުމްލަ 42،634 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު