ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް އަރައި، ރިސޯޓުތަކުން މިމަހުގެ މިހާތަނަށް ޖުމުލަ 280 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއަދާ ހަމައަށް މިމަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 778 މީހުންނެވެ. އޭގެ ތެރެއިން 288 މީހަކު ޕޮޒިޓިވްވެފައިވަނީ ރިސޯޓުތަކުންނެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ރިސޯޓު މުވައްޒަފުންނެވެ.
މިހާތަނަށް ރިސޯޓުތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ރިސޯޓުތަކުން ޖުމުލަ 41 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ މުވައްޒަފުންނެވެ.
ރާއްޖެއިން މިއަދު ޕޮޒިޓިވްވި 69 މީހުންގެ ތެރެއިން ވެސް 26 މީހަކު ޕޮޒިޓިވްވެފައިވަނީ ރިސޯޓުތަކުންނެވެ. އިއްޔެ ވެސް ރިސޯޓުތަކުގެ 28 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން ފާއިތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ރިސޯޓުތަކުން ޖުމުލަ 95 މީހަކު މިވަނީ ޕޮޒިޓިވެފައެވެ.
މިމަހު ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެނުނު ރިސޯޓުތަކުގެ ތެރޭގައި ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓާއި އޮބްލޫ ސަންގެލީ އަދި ސަން ސިޔާމް އިރުވެލި ރިސޯޓު ހިމެނެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ އާ އަހަރު ފެށިގެން އައި ދުވަސްތަކުގެ ތެރޭގައި ޓޫރިސްޓް ފެސިލިޓީތަކުން ފެންނަ ކޭސްތަކުގެ އަދަދު ގިނަވާން ފަށާއިފައިވާ ކަމަށާއި މިހާރު ގިނަ ކޭސްތައް ފެންނަނީ މުވައްޒަފުންގެ ފަރާތުން ކަމަށެވެ.
"އެހެންކަމުން މިވާ ގޮތަކީ ގިނަ ރިސޯޓުތަކެއްގައި އެއްފަހަރާ ކޭސްތައް ނުފެނުނު ކަމުގައިވިޔަސް، އެއް ރިސޯޓަކުން ފެންނަ އިރު އެތަނަކުން ވަރަށް ބޮޑު އަދަދެއް އެބަ އާދޭ. މުވައްޒަފުންގެ ތެރެއިން ފެންނަ އިރު، ބަލައިލާއިރު ކޮންޓެކްޓްސްތައް ވަރަށް ގިނަވެގެން ގޮސްފައި. އަޅުގަނޑުމެން ކޭސްއެއް ފެންނަ ހިސާބުން އެ ސްޕްރެޑް ބޮޑުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅައި، އިރުޝާދުތައް ދެމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ރައްޒާން ވިދާޅުވީ ރާއްޖެއިން ބޭރުންނާއި މާލެ ސަރަހައްދުން ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުންގެ ކަރަންޓީނުގެ ކަންކަން އެ އޮންނަ އެންމެ ރަނގަޅު ގޮތުގައި އެކަން ކުރުމަށް އިލްތިމާސްކުރާ ކަމަށާއި ދިހަ ދުވަހުގެ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓް ނުވެ، އެކަހެރިކޮށް ހުރެ އެ ކަރަންޓީނު ފުރިހަމަކޮށް، ޓެސްޓުކޮށް ނެގަޓިވް ނަތީޖާއާއެކު ނޫނީ މަސައްކަތުގެ މާހައުލަށް އެއްވެސް މުވައްޒަފަކު ނެރެގެން ނުވާނެ ކަމަށެވެ. އަދި ރިސޯޓުތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރާކަން އިންސްޕެކްޝަންތަކުން ފާހަގަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު، ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން މިހާރު ހުރީ ރަނގަޅު ހިސާބެއްގައެވެ. މިއަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 47،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 219،000 އަށްވުރެ މަތީގައެވެ.
- ޖެނުއަރީ 1، 3 ކޭސް
- ޖެނުއަރީ 2، 13 ކޭސް
- ޖެނުއަރީ 3، 6 ކޭސް
- ޖެނުއަރީ 4، 11 ކޭސް
- ޖެނުއަރީ 5، 15 ކޭސް
- ޖެނުއަރީ 6، 7 ކޭސް
- ޖެނުއަރީ 7، 2 ކޭސް
- ޖެނުއަރީ 8، 34 ކޭސް
- ޖެނުއަރީ 9، 10 ކޭސް
- ޖެނުއަރީ 10، 4 ކޭސް
- ޖެނުއަރީ 11، 28 ކޭސް
- ޖެނުއަރީ 12، 6 ކޭސް
- ޖެނުއަރީ 13، 33 ކޭސް
- ޖެނުއަރީ 14، 14 ކޭސް
- ޖެނުއަރީ 15، 7 ކޭސް
- ޖެނުއަރީ 16، 41 ކޭސް
- ޖެނުއަރީ 17، 28 ކޭސް
- ޖެނުއަރީ 18، 26 ކޭސް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު