ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު ކަމަށް ބޭފުޅުން، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދެވެ. އަދި މި އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.
ފުލުހުން ބުނީ، ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިހާބަކަށްވާއިރު، ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމާން މާހައުލެއް ގާއިމުކުރުމުގެ ގޮތުން އޮޕަރޭޝަން ކޮމާންޑަރުން ކަނޑައަޅައި ދުރާލައި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ކައުންސިލް އިންތިހާބު މިދިޔަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ތާވަލުކުރި ނަމަވެސް ކޮވިޑާ ގުޅިގެން ކައުންސިލް އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި، ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.