ގއ. ދެއްވަދޫ މޮނީޓަރިންނަށް ލުމަށް ލަސްވި ކަމަށް ގަބޫލު ނުކުރާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އާންމު އުސޫލުގެ ދަށުން ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެގެން ރަށެއް މޮނީޓަރިންގެ ހާލަތަށް ނުލާނެ ކަމަށެވެ.

"އެހެން ނަމަވެސް އެފަދަ މީހެއް ޕޮޒިޓިވްވިއްޔާ އެމީހަކު އެއްވެސް ބަޔަކު ކޮންޓެކްޓް ވެފައިވޭތޯ ބަލާފައިވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށެއް މޮނީޓަރިންނަށް ލާނީ ޕޮޒިޓިވްވި މީހާ ގިނަ ބަޔަކާ ކޮންޓެކްޓްވެފައިވާކަން ފާހަގަކުރެވޭނަމަ ކޮންޓެކްޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެން ދެން ކަމަށެވެ.

ދެއްވަދޫން ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ކަރަންޓީންގައި ހުރި ކުއްޖެކެވެ. އެރަށު ކައުންސިލުން މީގެ ކުރިން މައުލޫމާތުދިން ގޮތުގައި ހޮސްޕިޓަލުގެ އިހުމާލުން އެކުއްޖާއަށް ފުރަތަމަ ވަނީ ނުބައި ނަތީޖާއެއް ދެވިފައެވެ. އަދި އެކުއްޖާ ޕޮޒިޓިވްކަން އެނގުނުއިރު ގިނަ ބަޔަކާ ކޮންޓެކްޓްވެފައިވާ ކަމަށްވެސް ކައުންސިލުން މީގެ ކުރިން ބުންޏެވެ. ނަމަވެސް އެރަށް މޮނީޓަރިންނަށް ލާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ރަށް މޮނީޓަރިންނަށް ލުމަށް ލަސްވި ކަމަށް އެއްވެސް ވަރަކަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދުއަށް ބަލި ފެތުރުނު ގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެރަށާއި ގއ. ދާންދޫ އަދި ގއ. ވިލިނގިލި ވަނީ މޮނީޓަރިންނަށް ލައިފައެވެ. އެ ކްލަސްޓާއިން މިހާތަނަށް ވަނީ 69 މީހަކު ޕޮޒިޓިވްވެފައެވެ.