ސިޔާސީ

ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބޭއްްވޭނެ އިންސާފުވެރި އިންތިހާބެއް ނޯންނާނެ: ޝިޔާމު

އިބްރާހިމް ޒަކީ

މިހާރު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ނުހައްގުން ޖަލުގައި ބާއްވައިގެން މި ރާއްޖޭގައި ބޭއްވޭނެ މިނިވަން އިންސާފުވެރި އިންތިހާބެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބާބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމު ވިދާޅުވީ މަނީލޯންޑާ ކުރިކަމުގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަކީ މިހާރު ހުންނެވި ވާދަވެރި ހަމައެކަނި އިދިކޮޅު ލީޑަރު ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ޝަރިއަތް ކޮށް ޖަލަށް ލާފައި ވަނީ ނުފޫޒުން ބޭއިންސާފު ޝަރީއަތެއް ކޮށްގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގެ އެންމެ އަޑީގައި ހުރި މީހާ ހުރީ އޭސީ ކޮޓަރީގައި ކަމަށް، އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭރުގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބުދުލް ޣަފޫރު ގެއަށް ބަދަލުކުރި މައްސަލައަށް އިޝާރާތް ކުރައްވައި ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ހިމެނެނީ ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއް ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ހަމަޖެހިފައި ވަނިކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން އެ ގާނޫނަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ޝިޔާމު ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާތައް ނުބާއްވައި ވެސް އިންތިހާބު ބޭއްވޭނެ ކަމަށެވެ.

ޝިޔާމު ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި ގޮތަކަށް އިއުލާން ކުރުމުން އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވޭ ގޮތަށް މިހާރުވެސް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އަލަށް ހުށަހަޅާފައި މިވާ އިސްލާހު ތަކަކީ އެޗްޕީއޭގެ ބާރު އިންތިހާބަށް ފޯރުވުމަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށްވެސް ޝިޔާމު ތުހުމަތު ކުރެއްވިއެވެ.

ޝިޔާމު ވިދާޅުވީ އެއީ ގާނޫނުގައި ވަކި ފަރާތަކަށް ކަނޑައަޅާފައިވާ ބާރުތަކެއް އެޗްޕީއޭއަށް ދިނުން ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނެރުއްވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.