ރިސޯޓް މުވައްޒަފުން ޗުއްޓީ ނަގައިގެން ރަށަށްދާއިރު، ފުރިހަމަ ކުރަން ޖެހޭ ކަރަންޓީން މުއްދަތުގެ ދުވަސްތައް ޗުއްޓީގެ ދުވަސްތަކުގެ ތެރޭގައި ނުހިމެނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ބޯޑަރު ބަންދުކުރީއްސުރެ މިހާތަނަށްވެސް ރިސޯޓްގެ މުވައްޒަފުން ތިބީ ރިސޯޓްތަކުގައި ރަށަށް ނުދެވި، އަނބިދަރިން ކައިރިއަށް ނުދެވި ކަމަށެވެ. ބައެއް ރިސޯޓްތައް އޮޕަރޭޓް ކޮށްފައިވަނީ ވަރަށް މަދު މުވައްޒަފުންތަކަކާއެކު ކަމަށާއި އެއީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވިދާޅުވިއެވެ.
"މިހާރު އެޗްޕީއޭގެ ގަވާއިދު އޮންނަ ގޮތުން ރަށަށް ގޮސްފަ ކަރަންޓީން ވާން ޖެހޭ. ޗުއްޓީއަށް ނުވަތަ އޮފަށް އޮންނަ ދުވަސްކޮޅު އެއްކޮށްލައިގެން ލިބޭ އެ އޮފް ކޮޅު ކަރަންޓީނުގައި ދުއްވާލީމަ އެދެން އެހާ ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރިކަމާއެކު ހިތްހަމަ ޖެހުމާއެކު މުވައްޒަފުންނަށް އެބޭފުޅުން މިދޭތެރޭގައި އެވީ ގުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީން ވާން މި ޖެހޭ މުއްދަތަކީ އެބޭފުޅުންގެ އޮފްގެ ތެރޭގައި ނުހިމެނޭ އެހެން ނޫނީ ޗުއްޓީ ތެރޭގައި ނުހިމެނޭ ގޮތެއް ހަދާނެ ކަމަށް. އެހެން ހަދައިފިއްޔާ މުވައްޒަފުން ވަރަށް އުފާވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ އުންމީދު ކުރައްވަނީ ރިސޯޓް މުވައްޒަފުން ވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށެވެ. އަދި ކަރަންޓީން މުއްދަތުގެ ޗުއްޓީ ތެރޭގައި ނުހިމަނައި އެކަން ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދުވެސް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ގޮސް ކަރަންޓީންވާން ޖެހޭ ޝަކުވާ ކަމަށެވެ. އެ ޝަކުވާއަށް ލުއި ގޮތެއް ލިބިގެންދާނީ ކޮވިޑް ވެކްސިން ލިބި، މިހާރު ހެދިފައިވާ އުސޫލުތަކަށް ތަބާ ވެ، ފަރުދީ ޒިންމާ އަދާކޮށްގެން ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައިވާ އިންތަކާއި މިންތަކެއްވާ ކަމަށާއި އެ މިންތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނަމަ ރިސޯޓް މުވައްޒަފުންވެސް ހިނިތުންވުމާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑަށް ދިމާވި ވަރަށް ގިނަ ރިސޯޓް އޯނާސް، އެމީހުން އެ އޯނާސްގެ ފަރާތުން ރިސޯޓް މުވައްޒަފުންނަށް ހިނިތުންވުން އެބަ ލިއްބައިދޭ. މުސާރައިންނާއި އެހެނިހެން އިނާޔަތްތަކުންނާއި އެބޭފުޅުންގެ އަގުވަޒަން ކުރުމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަރަށް ހިތާމަކުރާ ދަރަޖައަކަށް ހުރި ރިސޯޓްތައްވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ތަންތަނާ ވާހަކަ ދައްކަވައިގެން ވިސްނައިދެއްވާނެ ކަމަށެވެ. އަދި އެކަން ހައްލު ނުވެއްޖެނަމަ ގާނޫނީ އިމުގެ ތެރެއިން އެކަންކަން ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު