ހައިކޯޓު

އެމްއޭސިއެލް އަށް ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރަކު ހޯދުމުގެ މަސައްކަތް ހުޓައިލުމުގެ އަމުރަށް ހައިކޯޓުގެ ތާއީދު

އިބްރާހިމް ޒަކީ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ ޗީފް ފައިނޭޝަލް އޮފިސަރުގެ މަގާމަށް ދާއިމީ ގޮތެއްގައި އެހެން މުވައްޒަފަކު އައްޔަން ކުރުމަށާއި، އެ މަގާމަށް ދާއިމީ މުވައްޒަފަކު ނެގުމަށް އެއްްވެސް މަސައްކަތެއް ކުރަމުންދާނަމަ އެ މަސައްކަތްތައް ވަގުތީގޮތުން ހުއްްޓައިލުމަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނެރެފައިވާ އަމުރަށް، ހައިކޯޓުން ތާއީދު ކޮށްފިއެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް ފައިނޭޝަލް އޮފިސަރުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައި ވަނިކޮށް، އެކަން ނުކުރުމަށް އަންގައި އެމްއޭސީއެލްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ އަމުރު ނެރުނީ، އެ މަގާމު މީގެ ކުރިން އަދާކުރަމުންގެންދިޔަ، މ. މެޑެލްމާގެއާގެ ހާމިދު ރިޒާ ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.

އެގޮތަށް އަމުރު ނެރެދިނުމަށް ޓްރައިބިއުނަލަށް އޭނާ ހުށަހެޅީ، އެމްއޭސީއެލްގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި، އެވަޒީފާ އިއާދަކޮށްދިނުމަށާއި ވަޒީފާއިން ވަކިވެފައިވާ ކަމުގައި ނުބެލުމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުންދާއިރު، ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކޮށްފިނަމަ، އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހާމިދު ރިޒާގެ ވަޒީފާ އަލުން ރުޖޫއަކުރުމަށް ނިންމާ ނިންމުމެއްގެ، ނުވަތަ ކުރާ އަމުރެއްގެ ބާރު ނެތިގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

އެކަމުގެ ސަބަބުން، ހާމިދު ރިޒާއަށް ގާނޫނީ ގޮތުން ލިބެން އޮތް ހައްލުތަކަށް ހުރަސް އެޅި، ގާނޫނީ ގޮތުން ކުރާ އަމުރެއް ތަންފީޒުކުރުމުގެ ފުރުސަތު ނެތި، ހާމިދު ރިޒާގެ މަސްލަހަތަށް އުނިކަން ލިބި، އިއާދަ ނުކުރެވޭ ގެއްލުމެއް އޭނާއަށް ލިބޭނެކަމަށް ވެސް އެ އަމުރު ނެރެދިނުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައި ވެއެވެ.

ޓްރައިބިއުނަލުން ނެރުނު އެ އަމުރު އެމްއޭސީއެލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި، ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ވަޒީފާއާބެހޭ މައްސަލައިގައި ހާމިދު ރިޒާ ވަގުތީ އަމުރަށް އެދުނު މައްސަލައިގައި "ޓްރައިބިއުނަލުން ނިންމިގޮތް" ޝަރުއީ ނުވަތަ ގާނޫނީ އުސޫލަކާވިޔަސް ހިލާފުކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން،" ކަމަށެވެ.