ހިޔާނާތުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަން ކަމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ މަގާމު ދިނުމަށާއި، އޭނާ މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހައިކޯޓުގައި އިސްތިނާފު ކޮށްފިއެވެ.

މި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ ރައީސްކަން ކޮށްފައިވާ އާސިފްގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، އެ ކްލަބުގެ އެކައުންޓުގައި ހުރި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ، ހުއްދަ ނޫން ގޮތެއްގައި އެކި ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކުރި ކަމަށެވެ. ތުހުމަތުތައް ސާބިތުކުރުމަށް ތަހުގީގު ކުރިއަށް ދިޔަ މުއްދަތުގައި، ކަރެކްޝަންސްގެ ގިނަ ބަޔަކު ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހަޅައި، އާސިފާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލިއެވެ.

ތަހުގީގު ނިމެންދެން، ވަޒީފާ ދެމެހެއްޓި ހާލަތުގައި، ގާތްގަނޑަކަށް އަށް މަސް ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު، ކަރެކްޝަންސް އިން ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު ރަސްމީކޮށް އާސިފް ވަޒީފާއިން ވަކިކޮށްފައެވެ.

ނަމަވެސް، ވަކިކުރި ނިންމުމަކީ ގާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި ކުރުމާ ގުޅިގެން، ކޯޓުން ވަނީ ވަގުތީ ގޮތުން، ހުސްވި ކަމަށް ބެލެވޭ ތަނަށް، ވަކި ހުކުމެއް ކުރެވެންދެން، އެހެން ފަރާތެއް އައްޔަން ނުކުރަން ވެސް ވަގުތީ އަމުރެއް ނެރެފައެވެ.

ދެ ފަރާތް ކޯޓަށް ހާޒިރުކޮށް، ހެކިތައް ދިރާސާ ކުރުމަށް ފަހު، ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ކަރެކްޝަންސް އިން އާސިފް ވަޒީފާ އިން ވަކިކުރި ނިންމުމަކީ ގޯސްކޮށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ މައްޗަށް، ހަ ހަފުތާގެ ތެރޭގައި، އޭނާ ކުރިން ހުންނެވި މަގާމަށް އިއާދަކޮށް، ވަކިކޮށްފައިވާ ދުވަސްތަކުގެ ހުރިހާ މުސާރައެއް ދިނުމަށް އަމުރުކޮށްފައެވެ.