ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، އެކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އިދާރާތަކަށް ފޮނުއްވައިފި އެވެ.
ޝަމީމުގެ ބްލޮގުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވީ، ހަނުހުރުމުގެ ހައްގު، އަސާސީ ހައްގަކަށް ހެދިތާ 12 އަހަރުވީ ނަމަވެސް ހަނުހުރުމުގެ ހައްގާ ގުޅޭ ގާނޫނު ފާސްކުރިތާ އަދިވީ ހަތަރު ވަރަކަށް އަހަރު ކަމަށެވެ. އެހެންކަމުން ހަނުހުރުމުގެ ހައްގު ތަންފީޒުކުރާނެ ގޮތާބެހޭ ބައިވަރު ސުވާލު އަދިވެސް ޖަވާބު ނުލިބި އެބަހުރި ކަމަށް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ، ހަނުހުރުމުގެ ހައްގު ތަރުތީބު ކޮށްފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ކަމަށެވެ. އެ މާއްދާގެ (ހ) ގައި ހަނުހުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް އޮތް ނަމަވެސް އެ މާއްދާގެ (ބ)ގައި ތުހުމަތު ކުރެވޭ މީހާ ދޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާނަމަ، އެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ހާމަކުރަންވާނެ ކަމަށާއި އެ ހާލަތުގައި ހަނުހުރުމުގެ ހައްގު ލިބިގެން ނުވާކަން ބަޔާންކޮށްފައިވާ ކަމެވެ.
"ދިފާއީ ވަކީލުންގެ ތެރޭގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުން އުޅުއްވައެވެ. ނަމަވެސް، ބައެއް ބޭފުޅުންނަކީ އެތަޖުރިބާ ލިބިވަޑައިނުގެން ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންނަށް ހަނުހުރުމުގެ ނަތީޖާ ސާފުވެފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ފުލުހުންނަށްވާ ގޮތަކީ، ފުލުހުންގެ މަސައްކަތް ކުރެއްވުމުގައި ފަރުވާތެރިވުމުގެ ގޮތުން، މީހަކާ ދިމާއަށް ބާރަށް އެއްޗެއް ވެސް ވިދާޅުވާކަށް ބޭނުންފުޅެއް ނޫނެވެ. އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް، މީހަކު ހަނު ހުންނަނަމަ، އެމީހަކަށް ހަނުހުރުމުގެ ނަތީޖާ ކިޔައިދިނުމަކީ ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެކެވެ. އެހެން ނޫނީ ބައެއް މީހުންނަށް ނުހައްގުން އަދަބެއް ލިބުމަކީ ނުހަނު ގާތުގައި އޮންނާނެ ކަމެކެވެ.،" ޕީޖީ ޝަމީމުގެ ބުލޮގުގައި ލިޔުއްވާފައިވެ އެވެ.
ޕީޖީ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ތަހުގީގާ ގުޅޭ ކަންކަން ބެލުމުގެ ބާރު ޕީޖީއަށް އޮތުމުގެ މާނައަކީ ހައްގުތަކާ ގުޅޭ ކަންކަމުގައި ކޮންމެވެސް ފިޔަވަޅެއް އެޅުން ކަމަށްވާތީ، ނިޒާމީ ގޮތެއްގައި، ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނު ހުރެ، ތުހުމަތުކުރާ މީހާއާ އެއްކޮޅަށް ހުރި ހެކީގެ ވާހަކަ ނުދެއްކުމަކީ ހަނުހުރުމުގެ ތެރެއިން ވާ ކަމެއް ނޫންކަން ވެސް ހަނދާން ކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހަނދާން ކޮށްދޭކަން ރެކޯޑުވެފައި އޮތުމުން، ފުލުހުންނަށް ވެސް އަދި ތުހުމަތުގައި ހުރި މީހާއަށް ވެސް ރައްކާތެރިކަން އޮވެ، އަދި ދައުވާ ކުރުމާމެދު ގޮތެއް ނިންމާއިރު، ހަނުހުންނަ މީހާއަށް ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ސާފުކޮށް ކިޔައިދީފައިވާކަން ޕްރޮސިކިއުޓަރަށް ވެސް ޔަގީން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެކަން ހާސިލުކުރުމަށްޓަކައި "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ގާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު" ގެ ނަމުގައި އިރުޝާދެއް މިދިޔަ ހަފްތާގެ ތެރޭގައި ނެރެފައިވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
އެ އިރުޝާދުގައި ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކޮށްފިނަމަ، އެކަންކަން އިތުރަށް ބެލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާކަން ހަނދާން ކޮށްދޭނެ އެވެ. އޭގެ އިތުރުން ތަހުގީގު ކުރާ މީހާއަށް ދެވޭނީ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފުމަކީ ތުހުމަތުގައި ހުންނަ މީހާގެ ކަމެއްކަން ހަނދާންކޮށްދޭނެ އެވެ.
"އިރާދަކުރެއްވިއްޔާ މި އިރުޝާދުގައި ހުރި ގޮތަށް ހިނގަން ފެށުމުން މިނިޒާމު އިތުރަށް ހަރުދަނާ ވެ، މީހުންގެ އިތުބާރު އިތުރަށް ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ނިޒާމު ހަރުދަނާ ކުރަން، އިންސާފު ގާއިމުކުރަން، މީހުންގެ ހައްގުތައް ކަށަވަރުކުރަން، މީހަކަށް ނުހައްގުން އަދަބެއް ލިބުނަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަން ޖެހޭނެއެވެ،" ޕީޖީ ވިދާޅުވެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު