އުމުރުން 13 އަހަރުގެ ދޮންދަރިފުޅާ މެދު އެކި ފަހަރުމަތިން ޖިންސީ އަމަލު ހިންގި ގއ. ކަނޑުހުޅުދޫ ވިޒާ، މުހައްމަދު މުނީރު 15 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފިއެވެ.

މި މައްސަލައަކީ، 2011 ވަނަ އަަހރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެކި ދުވަސްމަތިން ދޮން ބައްޕަ އެކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި، މުނީރުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮށްފައެވެ.

ނަމަވެސް އެ މައްސަލަ މުނީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، އެމައްސަލައިގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ބުނެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު، ހުކުމް ކޮށްފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ ދަށުން، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން މުހައްމަދު މުނީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރާ ކަމަށެވެ.

މި މައްސަލައިގައި ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި، ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ އުމުރުން 13 އަހަރުން ފެށިގެން ދޮންބައްޕަ އެ ކުއްޖާއަށް ޖިންސީ އަނިޔާ ކުރަމުންދިޔަ ނަމަވެސް، ކުއްޖާގެ އުމުރުން 6 އަހަރުން ފެށިގެން އެކި މީހުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދިޔަކަން ފާހަގަ ވެއެވެ.

އެގޮތުން ގާތްގަނޑަކަށް އެކުއްޖާގެ އުމުރިން ހަ އަހަރުގައި ގއ. ކަނޑުހުޅުދޫ އިވްނިންގސަން، ގޭގައި އުޅުނުއިރު އެކުއްޖާގެ ދައްތަގެ ފިރިމީހާ (ނިޒާރުބެ) އެކި ދުވަސްމަތިން އެއް އަހަރު ވަންދެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ކުއްޖާގެ އުމުރުން އަށް އަހަރުގައި ގއ. ކަނޑުހުޅުދޫ ފެހިއައްސޭރި ގޭގައި އުޅެނިކޮށް ޝާހިދު ކިޔާ މީހެއްގެ އިތުރުންވެސް އެހެން ބައެއް މީހުން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ފާހަގަވެއެވެ.

މީގެ އިތުރުން އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްގެން އެ ކުއްޖާގެ ބޭބެގެ މައްޗަށް ވެސް ކުށް ސާބިތުވެފައިވާ ކަން ހުކުމުން ފާހަގަ ވެފައި ވެއެވެ.

ދޮންބައްޕަ އެކުއްޖާ ރޭޕްކޮށް ޖިންސީގޯނާ ކުރަން ފަށާފައި ވަނީ، ދޮންބައްޕަގެ ގެ ކަމަށްވާ ކަނޑުހުޅުދޫ ވިޒާ ގޭގައި އުޅެން ފެށުމާއެކުގައެވެ.

މި މައްސަލައާ ގުޅިގެން ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އެކުލަވައިލި އެ ކުއްޖާގެ މެޑިކޯލީގަލް ރިޕޯޓުން ފާހަގަވާ ގޮތުން ޖިންސީ އަނިޔާ ކުރުމާއި ބިރު ދެއްކުމުގެ ސަބަބުން އެކުއްޖާ ވަނީ ނަފްސާނީގޮތުން ބިރުގަނެފައެވެ. އަދި ޖިންސީގޮތުންވެސް އެކުއްޖާއަށް މައްސަލަތައް ދިމާވެފައިވާކަން އެ ރިޕޯޓުން ފާހަގަވެފައިވެއެވެ.