ގއ. ދެއްވަދޫން އިތުރު ނުވަ މީހަކު މިއަދު ޕޮޒިޓިވްވެ، އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު "ވަން" އަށް ވިދާޅުވީ މިއަދު މެންދުރު ކުރީގައި އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއަދު ހަވީރު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުން ކޮންޓެކްޓްވީ މީހުންނާއި ރެންޑަމްކޮށްވެސް މީހުންގެ ސާމްޕަލް ނަގަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 168 ފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. އެ ކުޑަކުއްޖާ ހޯމް ކަރަންޓީނުގައި ހުރި ދުވަސްވަރު ޓެސްޓު ހެދުމަށްފަހު، ގއ. ހޮސްޕިޓަލުން އެކުއްޖާ ޕޮޒިޓިވްނުވާ ކަމަށް އަންގާފައިވެއެވެ. ނަމަވެސް އޭގެ ފަހުން އެކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް އެންގިއެވެ. އަދި އެވަގުތުގައި ކުޑަކުއްޖާގެ އާއިލާގެ މެންބަރަކު އޭނާއާ ކޮންޓެކްޓްވި ކަމަށާއި ފަހުން އެ ކުއްޖާ ޕޮޒިޓިވްވެފައިވާ ކަމަށް އެންގިއެވެ.
އޭގެ ފަހުން އެކުޑަކުއްޖާއާ ކޮންޓެކްޓްވި އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހުއެވެ. އަދި އިއްޔެ ވަނީ އެރަށުން އެކަކު ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން އިއްޔެ ވަނީ ދެއްވަދޫން ލ. ފޮނަދުއަށް ދަތުރުކުރި ހަތަރު މީހަކުވެސް ޕޮޒިޓިވްވެފައެވެ.
ދެއްވަދޫ ކްލަސްޓާގައި ހިމެނޭ 22 ކޭސްގެ ތެރޭގައި ހިމެނެނީ ދެއްވަދޫން ފެނުނު 16 ކޭސްއަކާއި ދެއްވަދޫން ފޮނަދުއަށް ދަތުރުކުރި ހަތަރު މީހެއްގެ އިތުރުން ދެއްވަދޫން ހުޅުމާލެއަށް ދަތުރުކުރި ދެ މީހެކެވެ.
ތައުފީގް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މާސްކު އަޅައިގެން ބޭރަށް ނުކުތުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ރަށުގެ ޓާސްކް ފޯސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓާސްކް ފޯސްގެ ނަމްބަރަށް ގުޅުމުން ކާބޯތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރަށު ސުކޫލްވެސް އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި އޮފީސްތަކަށްވެސް ވީހާވެސް މަދު ބަޔަކު ނެރުމަށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެއްވަދޫން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންއަށް ލައިފައެވެ. އަދި ފޮނަދޫ އާއި އެރަށާ އެއްފަސް ވެގެން އޮންނަ ގަންވެސް ވަނީ މޮނީޓަރިންއަށް ލައިފައެވެ.
ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު