ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.
އޭޕްރިލް 2019 ގައި ފެނުނު އެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ.
މި މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ.
އެ މައްސަލައިގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވާ ކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން "ވަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު