ޚަބަރު

އަދީބު ދޫކޮށްލާފައި އެހުރި ޕީޕީއެމް/ޕީއެންސީ ހަލާކުކޮށްލުމަށް، އެކަން ފެށިއްޖެ: ޔާމީން

1

އަދީބު ދޫކޮށްލާފައި އެހުރީ ޕީޕީއެމް، ޕީއެންސީ ހަލާކުކޮށްލުމަށް ކަމަށާއި އެކަން މިހާރު ފެށިއްޖެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާ ހަވާލާދެއްވައި އެމަނިކުފާނު ކުރީގެ ނައިބު ރައީސް، އަދި މިހާރު އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ވިދާޅުވީ މިއަދު ލިބެމުންދާ އަނިޔާތަކަކީ ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ލިބެމުންދާ އަނިޔާތަކެއް ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި ކުރެވެމުންދާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރާއި މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ފުލުހުންގެ އިތުރުން ސަރުކާރު ރަހުނުކޮށްގެން ތިބި މުޖުރިމުން ކަމަށެވެ. މިއީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން މިއަދު ތަހައްމަލު ކުރަން ޖެހިފައިވަނީ ވަރަށްވެސް ދަތި އުނދަގޫ ކަންކަން ކަމަށާއި އެކަންކަމާ ގުޅިގެން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވުމަށްފަހު ވަރަށް އަސަރާއެކު އެމަނިކުފާނު ވާހަކަދައްކަވާފައިވާ ކަމަށެވެ.

"ހަގީގަތުގައި ކީއްވެތޯއޭ މިހާ އަނިޔާވެރި މިވީ ތިމަންނާގެ މައްޗަށް. އެމަނިކުފާނު ވިދާޅުވީ މިކަން ތިމަންނައަށް ކުރިމަތި މިވީ އަދީބުގެ ސަބަބުންނޭ. އަދީބުގެ ފަހަތަށް އަދީބުގެ ހެއްލުންތެރިކަމަށް ހަމަ ވަރަށް ގިނަ ބަޔަކު ގޮސްގެން. އަދި މިއަދުވެސް ތިމަން މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަގީގަތުގައި އަދީބު. އަދީބު ދޫކޮށްފައި، އަމީން އެވެނިއުގައި ބަހައްޓާފައި އެހުރީ ސީދާ ޕީޕީއެމް ޕީއެންސީ ހަލާކު ކޮށްލުމަށްޓަކައި ކަމަށް ރައީސް ޔާމީން ވިދާޅުވި،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ހަލާކުކޮށްލުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަަމަށާއި އެއީ އެމަނިކުފާނަށް ވަރަށް އަސަރުކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންނަށާއި އެޕާޓީގެ އެކި ހިސާބުތަކަށް އަދީބުގެ ނުފޫޒުތައް ފޯރަން ފަށާފައިވާ ކަމަށެވެ.

"މި ކުރެވޭ ބުރަ މަސައްކަތް ތިބޭފުޅުންނަށް އިހުސާސް ނުކުރެވޭނެ. އަޅުގަނޑުމެން ކަނޑުމަތީގައި މިއުޅެނީ، އަޅުގަނޑުމެން މާފުއްޓަށް މިދަނީ، އަޅުގަނޑުމެން މަސައްކަތްތައް މިކުރަނީ މި ދެންނެވިހެން ފަސޭހަ މާހައުލެއްގައެއް ނޫން. މި މަސައްކަތުގެ އަގު ވައްޓާލުމަށްޓަކައި ތަފާތުގެ ގޮތްގޮތަށް ގޯނާ ކުރުމުގެ މަސައްކަތް، ހަގީގަތުގައި ޕީޕީއެމް ޕީއެންސީގެ އެކި ހިސާބުތަކަށް މީތި ފޭއްދޭތޯ ތަފާތު ގޮތްގޮތަށް މަސައްކަތްތައް ކުރެވެމުންދާކަން، އެއީ ހިތާމައާއެކު ރައީސް ޔާމީން ފާހަގަ ކުރައްވާ ކަމެއް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިވަގުތަކީ ރައީސް ޔާމީންގެ ދިފާއުގައި މުޅި ޕާޓީ އެކަތިގަނޑަކަށް ވެ، މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެއީ ރައީސް ޔާމީންގެވެސް އެދިވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ 2013ގައި ގެނައި ރައީސް ޔާމީންގެ ވެރިކަން ހަރާބުވެގެން ދިޔައީ އަދީބުގެ ބަހަށް ހެއްލިގެން ކަމަށް މިއަދުވެސް ސާބިތު ކޮށްދެވިއްޖެ ކަމަށެވެ. އަދި އަދީބުގެ ސަބަބުން ކުރިމަތިވި ކަންކަމުގެ ސަބަބުން މިއަދު ރައީސް ޔާމީން ވެރިކަން ނިމި، އެމަނިކުފާނު ޖަލުގައި ތަހަންމަލް ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.