ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއްބާއްވާ ސިއްހީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް، ލޯކަލް ކައުންސިލް އިންތިހާބް ބޭއްވޭނެގޮތައް ގާނޫން އިސްލާާހުކުރުމަށް މިއަދު ހުށައަޅާފައިވާ ކަމަށެވެ.

އިންތިހަބާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވައި ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ފޮނުއްވި ސިޓީގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ 2020 އަށް އިސްލާހު ގެނައުމުގެ ބިލަކީ ވީހާވެސް އަވަހަށް ނިންމުން މުހިންމު ބިލެއް ކަމުން އެ ބިލުގެ މަސައްކަތްތައް ނިމެންދެން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ ގޮތުގެ މަތިން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އަލީ ނިޔާޒް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކޮވިޑް-19 އާއި ގުޅިގެން އިުލާން ކޮށްފައިވާ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ނަމަވެސް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ކުރުން ހިމެނެ އެވެ. އަދި އިންތިހާބެއް ބާއްވާނަމަ ތައްޔާރުވުމަށް ދޭން ޖެހޭ ތާރީހުގެ މުއްދަތުތައް ކުރު ކުރުމަށް އެ އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމާއި ވޯޓުލާން ރެޖިސްޓްރީ ކުރުމާއި ވޯޓާސް ލިސްޓު އިއުލާނު ކުރުން ފަދަ ކަންކަމަށް ދީފައިވާ މުއްދަތުތައް ކުރުވެގެންދާނެ ގޮތަށް އިސްލާހު ގެނައުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ފެބްރުއަރީ ތިން ވަނަ ދުވަހާއި ހަމަޔަށް މުއްދަތު އިތުރުކޮށްފަ އެވެ.

ނަަވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންނަ އެޕްރީލް މަހުގެ ތިން ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.