ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގަވާއިދުން ފޮނުވަން ޖެހޭ ބައެއް މައުލޫމާތު ފޮނުވިކަން ކަށަވަރު ނުކުރެވޭތީ ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ ހިއްސާ ނުކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފިއެވެ.

ކޮރޯނާވައިރަހަށް ރާއްޖޭން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ.

އެ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބެއް ކަމަށް ބެލެވެނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. ނަމަވެސް އެކަން އެނގުނީ އެ މީހާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަހަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމުންނެވެ.

ނަމަވެސް އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އަދި އޭނާގެ ފުށުން ބަލީގެ އަލާމާތްތައް ފެނި ރިސޯޓުގައި އެޑްމިޓްކުރި ކަމުގެ ވާހަކަތަކެއް އޭރު ދެކެވެން ފެށުމުން އެކަމުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ފުލުހުންނަށް އެންގެވި އެވެ.

ޕީޖީ އޮފީހުން ބުނީ، އެ މައްސަލަ ތަހުގީގުކުރުމަށްފަހު އެ އޮފީހަށް ހުށަހެޅުމުން އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ 1 ޑިސެމްބަރު 2020 ގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމީ، އެ މައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތް ބެލިއިރު، އެޗްޕީއޭ އިން ގަވާއިދުން ފޮނުވަން ޖެހޭ ބައެއް މައުލޫމާތު، އެކަމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ފޮނުވިފައިވާކަން ނުވަތަ ނޫންކަމާއި އެއާ ގުޅުން ހުރި ބައެއް ކަންކަން ސާފުވެފައިނުވުމުންނެވެ.