ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. އެފަހަރު މުއްދަތު އިތުރުކުރީ މިއަދުގެ ނިޔަލަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.