ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އުޅުމަށްފަހު، މިދިޔަ އޮކްޓޯބަރު މަހުގެ ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވުނު މީހާގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ކޯޓް އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ އެމީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭނާ ފުރަތަމަ ބަންދުކުރީ، އެފަދަ މީހުން ބައިތިއްބަން ކ. ހިންމަފުށީގައި ހަދާފައިވާ ހުންނަ ސެންޓަރުގަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ ގޮތުން އެ ސެންޓަރަކީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އަނބުރާ ރާއްޖެ އަންނަ ހަނގުރާމަވެރިންނާއި އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ލިބިފައިވާ ބައެއްތޯ ބެލުމަށާއި އެ ފަރާތްތަކަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި އެމީހުން މުޖުތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެމީހުން ރާއްޖެ އައުމާއެކު ހައްޔަރުކުރުމަށްފަހު ބަންދުކުރާ ތަނެކެވެ.

އެތަނުގައި އޭނާ ބަންދުކޮށް، ރިސްކު އެސެސްމަންޓް ހެދުމަށްޓަކައި ކްރިމިނަލް ކޯޓުން އަމުރުކުރީ 30 ދުވަހަށެވެ. ގާނޫނުގައި ބުނާ ގޮތުން ވެސް އެފަދަ މީހުން އެ ސެންޓަރުގައި ބަންދުގައި ބޭތިއްބޭނީ އެއް މަސް ދުވަހަށެވެ. އަދި އެ މުއްދަތުގެ ތެެރޭގައި ރިސްކު އެސެސްމަންޓް ހެދުމަށް އުފައްދާފައިވާ ކޮމިޓީން އެ އެސެސްމަންޓް ހަދައި ނިންމަން ޖެހޭނެ އެވެ.

އެމީހާއާ ގުޅޭ މައުލޫމާތު ހޯދުމަށް ގުޅުމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، އެމީހާގެ ރިސްކު އެސެސްމަންޓް ހަދައި ނިންމައި، މިހާރު ހުރީ ތަހުގީގަށް ބަންދުގަ އެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާ ގޮތުން އަނބުރާ އަންނަ ހަނގުރާމަވެރިން ވަގުތީ ގޮތުން ބަންދުކުރުމަށްފަހު ރިސްކު އެސެސްމަންޓް ހަދައި، އެމީހަކީ ޓެރަރިޒަމްގެ އަމަލުތައް ކޮށްފައިވާ ނުވަތަ ކުރުމުގައި ބައިވެރިވި މީހެއް ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ލިބިފައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެމީހަކީ ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅަންޖެހެ އެވެ. އަދި ވަކި މީހަކީ ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމުގައި ކަނޑައަޅައިފިނަމަ، އެމީހަކު އަލުން އެފަދަ މީހުން ބަންދުކުރަން ކަނޑައަޅާފައިވާ ސެންޓަރުގައި ބަންދުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެ އެވެ. އޭގެ އިތުރުން ބަންދުކުރާ މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ހިންގައި ނިމެންދެން، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު ވެސް ފުލުހުންނަށް ގާނޫނުން ދީފައިވެ އެވެ. ނަމަވެސް އެމީހާ ހުރީ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އެ މައުލޫމާތު ހޯދުމަށް "ވަން" އިން ތަކުރާރުކޮށް ގުޅުމުން ވެސް އެކަމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އެ މީހާ ބަންދުގައި ހުންނަތާ ތިން މަސް ވާން ކައިރި ވެފައިވާއިރު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެފަދަ މީހަކު ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 ދުވަހުގެ ތެރޭގައި އެ މައްސަލަ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

ޕީޖީގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕީޖީ ދައުވާ އުފުލަންވާނެ އެވެ. އަދި 45 ދުވަސް ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައި ނުވާނަމަ، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔަންކޮށް ޕީޖީ އަށް ހުށަހެޅިދާނެ އެވެ. ނަމަވެސް އެފަދައިން ޕީޖީ އިތުރުކޮށްދޭ މުއްދަތު، 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ.