ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސައިން ރަޝީދު އަހުމަދު، ކްރިސްމަސް ދުވަހާ ގުޅިގެން ޝުއާރު ފާޅުކޮށްފައިވާތީ ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ އިއްތިހާދުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގެ ދަށުން ދީނީ ތަގްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހްދަތު ދެމެހެއްޓުމުގެ ނުކުތާއާ ހިލާފަށް އިޖްމާލީ މަފްހޫމާއި ސީދާ ދެކޮޅަށް ޣައިރު މުސްލިމުންގެ ޝިއާރު ފާޅު ކުރުމާއި އަދި އެކުށަށް އަރައިގަތުމަށް އެހެން މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ރައީސް ނަޝީދާއި، ހުސައިން ރަޝީދު މީޑިއާގައި ހިޔާލުފާޅު ކުރައްވާފައިވާ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ މިފަދަ ހައްސާސް ތުހުމަތުތަކެއް އެ ދެމީހުންގެ މައްޗަށް ކުރެވޭއިރު، އަދި ބޭރުފުށުގެ އަމަލުތަކުން އެކަންކަން މީޑިއާއިން ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާތީ އެކަމާ އެ އިއްތިހާދުން ކަންބޮޑުވާ ކަމަށްވެސް އެސިޓީގައި ވަނީ ބުނެފަ އެވެ.

އެހެން ދީންތަކުގެ ޝިއާރު ފާޅު ކުރުމުގެ ތެރޭގައި ހިމެނޭ ކްރިސްމަސް ދުވަސް ފާހަގަ ކުރުން ހުއްދަ ކަމަށްބުނެ އެކަމަށް ހިތްވަރުދީ އިސްލާމީ ޝަރީއަތާ ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް ރައީސް ނަޝީދާއި ހުސައިން ރަޝީދު ދައްކާފައިވާ ވާހަކަތަކަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ ބުނެފަ އެވެ. އެހެން ކަމުން ރައީސް ނަޝީދާއި ހުސައިން ރަޝީދު އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ހުރަހެއްނެތި ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައިވާ ޖަރީމާތައް ބެލުމަށްޓަކައި މިހިނދުން މިހިނދަށް އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެ އިއްތިހާދުން ވަނީ ގޮވާލާފަ އެވެ.

އިއްތިހާދުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރުމަށް މިނިސްޓަރު އިމްރާނަށް ދަންނަވަން ޖެހުނީ ޣައިރު ދީންތަކުގެ މީހުންގެ ދީނީ އީދު ތަކުގައި ތަހުނިޔާ ކިޔަނީ އެމްޑީއެން އާއި އުތެމާ އިން ނެރެފައިވާ ރިޕޯޓުގައިވާ ކަންކަމަށް މަގުކޮށުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި އެހެން ދީންތަކުގެ ކަންކަން ފާހަގަކުރުން ދިވެހި ރައްޔިތުންގެ މެދުގައި ނޯމަލައިޒް ކުރުމުގެ ބޭނުމުގައްޔާއި އެހެން ދީންތަކަށް ދިވެހި ބިމުން ޖާގަ ދޭން ހިންގާ މަކަރުވެރި ހީލަތްތެރި ޖަރިމާއެއް ކަމުގައިވެސް އެ އިއްތިހާދަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރު ރައީސް ނަޝީދާއި ހުސައިން ރަޝީދުގެ މަގާމުގެ ހައިސިއްޔަތުގެ ގޮތުން ނާޖާއިޒް ސިޔާސީ ނުފޫޒުގެ އަސަރު ފޯރުމުގެ ފުރުސަތު ތަނަވަސްކަމަށާއި އެހެން ކަމުން މަގާމުގެ މަސްއޫލިއްޔަތުން އެ ދެބޭފުޅުން އެއްފަރާތްކޮށް ތަހުގީގު ވީ އެންމެ އަވަހަކަށް ހިންގުމަށް އިއްތިހާދުން ފޮނުވި ސިޓީގައި ވަނީ ބުނެފަ އެވެ.