ފަރުވާކުޑަކޮށްފިނަމަ ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑްގެ އާ ވޭރިއަންޓު ދުނިޔޭގެ 21 ގައުމަކުން ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އެންމެ ކައިރިން އިންޑިއާ، ޕާކިސްތާނު އަދި ސިންގަޕޫރުންވެސް މިވަނީ ރިޕޯޓުކޮށްފައި. މީގެ ގިނަ މީހުންނަކީ އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވާ މީހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ހޯދި ވަރަކަށް އާ ވޭރިއަންޓު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ ކަމަށާއި، އާ ވޭރިއަންޓު ފެތުރޭ މިންވަރު އަވަސް ކަމަށެވެ. އެހެންކަމުން ފަރުވާކުޑަކޮށްފި ނަމަ ރާއްޖޭގައިވެސް އާ ވޭރިއަންޓު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވިއެވެ.

"ގައިދުރުކަމާއި މާސްކް އެޅުން ފަދަ އާންމުކޮށް މިކުރާ ކަންކަން އަޅުގަނޑުމެން ރިލެކްސް ކޮށްލައިފިނަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް މި ވޭރިއަންޓު ފެތުރުމުގެ ފުރުސަތު ބޮޑު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއަކީ އެކި ގައުމުތަކުން މީހުން އަންނަ ގައުމެއް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީންވާން ޖެހޭ ގޮތަށް އޮތް ނަމަވެސް އެހެން ގައުމުތަކުން އަންނަ މީހުންވެސް ދިހަ ދުވަސް ވަންދެން އެހެން މީހުންނާއި އެކަހެރިކޮށް އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑްގެ އާ ވޭރިއަންޓުގެ އިތުރު އަލާމާތްތަކެއް ހުންނަކަން ފާހަގަނުކުރެވޭ ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއަންޓު އަދި ރާއްޖެއިން ފެނިފައި ނުވާކަމަށް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.