މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ޕޮޒިޓިވްވީ މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށެވެ. އަދި އެ ހަފްލާގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ކްލަސްޓާއިން ޕޮޒިޓިވްވީ 41 މީހުންނެވެ.
ކައިވެނި ހަފްލާއާ ގުޅިގެން އެންމެ ފުރަތަމަ މީހެއް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަކު ޕޮޒިޓިވްވިި އިރު، 25 ވަނަ ދުވަހު 12 މީހަކު އަދި 26 ވަނަ ދުވަހު 21 މީހަކު އަދި 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ކްލަސްޓާއާ ގުޅިގެން އިއްޔެވެސް އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ކްލަސްޓާގެ 13 މީހަކު ހިމެނޭ ކަމަށެވެ. އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 62 އަށް އަރައިފައެވެ.
ކައިވެނި ހަފްލާއަށް ހައިރިސްކް މީހުންވެސް ގޮސްފައިވާ އިރު، ޕޮޒިޓިވް މީހުންގެ ތެރޭގައިވެސް ހައި ރިސްކް ހަތަރު މީހަކު ހިމެނެއެވެ.
އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.
މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު