އިނގިރޭސިވިލާތުން ރާއްޖެ އައި މިހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް މިއީ ކޮވިޑުގެ އާ ވައްތަރުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިނގިރޭސި ވިލާތުން އައި މީހާ އަކީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއަށް ދިޔަ ބަޔަކާއި އާއިލީ ގުޅުމެއް އޮންނަ މީހެއް ކަމަށާއި ނަމަވެސް އޭނާ ރާއްޖެ އައީ ކައިވެނި ހަފްލާ ނިމުނު ފަހުން ކަމަށެވެ.

އެޗްޕީއޭއިން ދާދިފަހުން އެކުލަވާލި ގައިޑުލައިންގައިވާ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން މާލޭގައި ތިބޭ ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ މި މީހާވެސް އެގޮތަށް ކަރަންޓީނުވާން ނުޖެހޭތީ އާއިލާގެ އެކި މީހުންނާއި ބައްދަލުވެފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު މިއީ މި ބަލީގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ އާ ވައްތަރު ކަމެއް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް ޑރ. ނަޒްލާ "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑުގެ އާ ވައްތަރު ރާއްޖެއިން ޓެސްޓު ނުކުރެވޭ ކަމަށާއި މިކަމަށް ޓެސްޓު ކުރާނަމަ ޖެހޭނީ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް އާ ވޭރިއެންޓަށް ޓެސްޓު ކުރުމަށް އެއް ބެޗު ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށާއި އިނގިރޭސި ވިލާތުން ރާއްޖެ އައި މީހާގެ ސާމްޕަލް އާއި އޭނާގެ ކޮންޓެކްޓްސް ތެރޭގައި ހިމެނޭ މީހުންގެ ސާމްޕަލްވެސް ބޭރަށް ފޮނުވައިގެން ޓެސްޓު ކުރާނެ ކަމަށެވެ.

ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވީ، އިނިގިރޭސިވިލާތުގައި ކޮވިޑްގެ މުޅިން އާ ވޭރިއަންޓެއް ފެތުރެމުންދާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ފަރާތުންވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވޭރިއަންޓަކުން ރައްކާތެރިވުމަށް ފަތުރުވެރިން އަންނަ ތަންތަނުގައި ހުރި ފިޔަވަޅުތައް ވަރުގަދަކޮށް އެތަންތަން ގާތުން މޮނީޓާކޮށް، ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓުގައި ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 އިންސައްތަ އިތުރެވެ. ކޮވިޑްގެ އާ ވޭރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލެންޑްސްއިން ފެނިފައިވާއިރު، އެ ވޭރިއެންޓް ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެމުންދާ ކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮވެސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ބައެއް ގައުމުތަކުން ވަނީ އެގައުމަށް ދަތުރުކުރުން މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް އަދި ޖަރުމަން ހިމެނެއެވެ.

އިނގިރޭސިވިލާތުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއާއެކު މިދިޔަ މަހުން ފެށިގެން ދެ ގައުމުގެ ދެމެދު ފްލައިޓުތައް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާއިރު، ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 12،000 ވުރެ ފަތުރުވެރިން އައިސްފައިވެއެވެ.