ރައީސް އޮފީސް

އަންނަ އަހަރުގެ ބޮޑު އީދާއި މިނިވަންދުވަހާއި ދިމާކޮށް ސަރުކާރު ބަންދު 12 ދުވަސް

އަލީ ޔާމިން

އަންނަ އަހަރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އިތުރު ދެ ދުވަސް ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން އަންނަ ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ޖުލައި ވާ އާދިއްތަ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ސަރުކާރުން ބަންދު ކުރަން ރައީސް ނިންމަވާފައިވާ މި ދެ ދުވަހަކީ އަންނަ އަހަރުގެ އަލްހާ އީދު (ބޮޑު އީދު) ދުވަހުގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގެ މެދަށް ވަންނަ ދެ ދުވަހެވެ.

އެގޮތުން، 16 ޖުލައި 2021 އަކީ ހުކުރު ދުވަހެއް ކަމަށްވާއިރު، އަންނަ އަހަރުގެ ހައްޖު ދުވަހަކީ 19 ޖުލައި ވާ ހޯމަ ދުވަހެވެ. އެހެންކަމުން އެމަހުގެ 18ވާ އާދިއްތަ ބަންދުކުރުމުން އީދު ބަންދުގެ ދުވަސްތައް 24 ޖުލައިވާ ހޮނިހިރު ދުވަހާއި ހަމައަށް ދެމިގެންދާނެއެވެ. އަދި ޖުލައި 25 ވާ އާދިއްތަ ބަންދުކުރުމުން މިނިވަންދުވަހުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ތިން ދުވަސް ލިބޭނެއެވެ. އެއާއެކު ޖުލައި 16 އިން ފެށިގެން އެ މަހުގެ ނިޔަލަށް ޖުމްލަ 12 ދުވަސް ސަރުކާރު ބަންދުވާނެއެެވެ.