ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމައިގެން (ވާނުވާ) ބަންދުގައި 300 މީހުން މިހާރު ވެސް އެބަ ތިބި ކަމަށާއި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް، ކޮންމެ 30 ދުވަހަކުން އެމީހުން ފަނޑީޔާރުންގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދު ރިވިއު ކުރާނެ ގާބިލްކަމެއް ކޯޓުތަކަކު ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު ރީޝާ މިހެން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބޭ މީހުންގެ ބަންދު، ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިރު، ބަންދުގައި ތިބި ހަތަރު މީހެއްގެ ބަންދު ކްރިމިނަލް ކޯޓުން މުރާޖައާ ކޮށްފައިނުވާ މައްސަލަތަކެއް ހައިކޯޓަށް ހުށަހެޅުމުން އެއް ބާވަތުގެ މައްސަލަތަކުގައި އެ ކޯޓުން ދެގޮތަކަށް ނިންމާފައިވާތީ، ޕީޖީ އޮފީހާ ދެކޮޅަށް އަމިއްލަ ތިން ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މިހާރު ބާއްވަމުން ގެންދާ އަޑުއެހުމުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރީޝާ އާ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވީ، ވާނުވާ ބަންދުގައި މިހާރު ކިހާ ބަޔަކު އެބަތިބިތޯ އާއި، އެ މީހުންގެ ބަންދު 30 ދުވަހަކުން މުރާޖައާކުރުމުގެ ކެޕޭސިޓީ ޕްރޮސިކިއުޝަން އާއި ކޯޓުތަކުގައި އެބަ ހުރި ތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ސީނިއާ ޕަބްލިކު ޕްރޮސިކިއުޓާ ފުރަތަމަ ވިދާޅުވީ، އެ 300 މީހުންގެ ވާނުވާގެ މައްސަލަ ފަނޑިޔާރުންގެ ކުރިމައްޗަށް ގެންގޮސް، ބަންދު ރިވިއު ކުުރުމުގެ ކެޕޭސިޓީ ޕްރޮސިކިއުޝަންގައި އެބަހުރި ކަމަށާއި، ނަމަވެސް އެ ކޯޓުތަކުން އެކަން ކުރިއަށް ގެންދެވިދާނެކަން، ނުވަތަ ނޫންކަމާ މެދު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
އެކަމުގައި ދައުލަތުގެ ޒިންމާ އަދާކޮށްފައިވާ ކަމަށް ވިދާޅުވެ، ރީޝާ ވިދާޅުވީ "ކޮންމެ މީހެއްގެ އަޑުއެހުމާމެދު ކޮތެއް ނިންމުމަށް އެދި ހުރިހާ ކޯޓުތަކަށް ސިޓީ ފޮނުވާފައިވާނީ، ނަމަވެސް ޕްރޮސިކިއުޝަންއަކަށް ވަކިވަކިން ބަންދުގައި ތިބި މީހުން ގޮވައިގެން ގޮސް ކޯޓަށް ވަދެވޭނެ ގޮތެއް ނޯންނާނެ، ކޯޓުތަކުން ވަކި ވަގުތެއް އެކަމަށް ހާއްސަކޮށް، ފަނޑިޔާރަކު ހަމަޖައްސައި އެކަމަށް ވަގުތު ދެއްވުމުން މެނުވީ، އެހެންކަމުން އެކަމަކީ ކޯޓުތަކުން އިންތިޒާމު ކޮށްދޭން ޖެހޭނެ ކަމެއްކަމަށް ދައުލަތުން ދެކެނީ،" ކަމަށެވެ.
ރިޝާގެ ޖަވާބާ ގުޅިގެން، ކޯތުތަކުގައި އެ ކެޕޭސިޓީ ހުރިކަމަށް ގަބޫލު ކުރައްވަން ތޯ، އާއި އެކަމުގައި އޮތް އޮޕީނިއަން އަކީ ކޮބައިތޯ، ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވިއެވެ.
އެ މައްސަލައަށް އެއްވެސް އެއްޗެއް ދަންނަވަން ޕްރޮސިކިއުޝަންއަށް ނޭނގޭ ކަމަށް ރީޝާ ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، ރީޝާގެ އެ ޖަވާބަކީ މުޅިއަކުން ގަބޫލު ކުރެވޭ ޖަވާބެއް ނޫން ކަމަށާއި، ކޯޓުތަކުގައި އެ ކެޕޭސިޓީ ހުރިތޯ ނުވަތަ ނޫންތޯ، ދައުލަތުގެ ޕީޖީ އޮފީހަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެކަން އެނގޭނީ ކުރިމިނަލް ކޯޓަށް ކަމަށް ވިދާޅުވެ އެއީ އެހާ ލުއިކޮށް ގެންދެވޭނެ ކަމެއްނޫން ކަމަށާއި، އެ އިލްތިޒާމު ދައުލަތުގައި ހުރިކަން ނުވަތަ ނޫންކަން އެނގެން ޖެހޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ސުވާލާ ގުޅިގެން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު ރީޝާ ވިދާޅުވީ އެ ކެޕޭސިޓީ ކޯޓުތަކުގައި ނެތްކަމަށް ޕީޖީ އޮފީހުން ބުނާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު