ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިމަހުގެ 23 ވަނަ ދުވަހު ވައިގެ މަގުން އިންޑިއާއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. މިތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ގެންގުޅުނު ލަގެޖު ތެރެއިން ކަމަށެވެ.

ކަސްޓަމަސް އިން ބުނީ ބަލައި ފާސްކުރި އިރު އޭނާގެ ލަގެޖް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހިކިފަތްތަކަކާއި މަސްތުވާތަކެތީގެ އެހެން ބާވަތެއްވެސް ފެނިފައިވާ ކަމަށެވެ. އަދި މިތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރެވުނު އިރު ކެނެބިސް އާއި ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މިތަކެތީގައި 36 ގުރާމް ހުރި އިރު މިތަކެތީގެ އަގު 7،700 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.