އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހީންނާއި ބިދޭސީ މަސައްކަތްތެރީން ދިހަ ދުވަހަށް ކަރަންޓީނުކުރަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް ނިންމާފައި މިވަނީ އިނގިރޭސިވިލާތުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެން އެހެން ގައުމުތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އިނގިރޭސިވިލާތުގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެއަށް އަންނަ ދިވެހީންނާއި ވޯކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު ދިހަ ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުކުރާނެ ކަމަށެވެ.
އެ ފަރާތްތައް ރާއްޖެ އަންނަތާ ރާއްޖެ އަންނަތާ ފަސް ދުވަހަށްފަހު އަދި ދިހަ ދުވަހަށްފަހު ކޮވިޑަށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށާއި އޭގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހުގެ އިއުލާނުގައި އަންގާފައިވާ ގޮތަށް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ގެންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ކޮވިޑުގެ އާ ވޭރިއަންޓް ދަނީ ފެންނަމުންނެވެ. އެކަމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު