އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ފަރާތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ، ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ހުއްދަދީފިއެވެ.
މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދުގައި އިދިކޮޅުގެ ޖަލްސާ ބާއްވަން މާލެ ސިޓީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޖަލްސާގައި ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އިވެންޓުތައް މެނޭޖުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުލުހުންގެ އިސް ބޭފުޅުން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ޖަލްސާގެ ކަންކަމާގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ސަލްމާން މިސްކިތުގެ އުތުރުން ހެދިފައިވާ ޕާކިން ޒޯނުގައި ޖަލްސާގެ ބައިވެރިންގެ ސައިކަލުތަކާއި ދުއްވާ އުޅަނދު ފަހަރު ޕާކް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި ޖަލްސާއަށް އަންނަ ފަރާތްތަކުން އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓައި މާސްކު އެޅުމަށް ޝުޖާއު ވަނީ އިލްތިމާސްކުރައްވައިފައެވެ.
"ވިސްނާ"ގެ ނަމުގައި އިދިކޮޅުން ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ. މި ޖަލްސާއަކީ ކޮވިޑާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށްފަހު އިދިކޮޅުން ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ވެސް އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ވެސް އިދިކޮޅުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު