ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހު ނުބާއްވަން އަދި ނިންމާފައިނުވާ ކަމަށާއި އިންތިހާބު ބޭއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ގޯސްވެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އޭގެ ފަހުން އީސީން ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ޝަރީފު މިއަދު "ވަން" އަށް ވިދާޅުވީ މާޗު މަހު އިންތިހާބު ބާއްވަން އެ ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިހާބު ނުބާއްވަން އެ ކޮމިޝަނުން އަދި ނިންމާފައިނުވާ ކަމަށާއި އެގޮތުން މާޗް މަހުގެ ހައެއް ނުވަތަ 13 ވަނަ ދުވަހު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން އިންތިހާބު ނުބާއްވަން. ބޭއްވޭތޯ ކޮމިޝަނުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރަމުން މިދަނީ. އެކަމަކު އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައެއް ނުލާ. އެހެންވީމަ އެކަމުގެ ޔަގީން ކަމެއް އަޅުގަނޑުމެންނަކަށްް ނުދެވޭނެ. ހަމަ ޔަގީނުން ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލަނީސް އަޅުގަނޑުމެންނަކަށް އިންތިހާބު ނުބޭއްވޭނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އެޗްޕީއޭގެ ބޭފުޅުންނާއެކު އީސީން މަޝަވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ދޭތެރޭ ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ސިއްހީ ތަޖުރިބާކާރުންނާއި އިތުރަށް މަޝްވަރާ ކުރާނެ ކަމަށް އެޗްޕީއޭ ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާ ގޮތުން، އިންތިހާބު ބާއްވަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އަންނަ އަހަރުގެ މެއި މަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

މާޗް މަހުގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ޝަރީފް މީގެ ކުރިން ވިދާޅުވީ ކެމްޕެއިން ކުރުމަށް ފުރުސަތު ނުދީ އިންތިހާބު ބާއްވައިފިނަމަ ކޯޓުން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އެއީ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.