އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް އިތުބާރު ނުކުރައްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރިއަށްއޮތް ކައުންސިލް އިންތިހާބަށް ދާނީ ޝަރީފް އީސީން ވަކިކޮށް، އެ ކޮމިޝަންގެ ރައީސަކަށް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ހަމަޖައްސައިގެން ކަމަށް އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިތުބާރުކުރަނީ ފުއާދަށް ކަމަށާއި އީސީގެ ރައީސަކަށް ޝަރީފް ބަހައްޓައިގެން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ޝަރީފަށް އިތުބާރެއް ނުކުރަން، އަޅުގަނޑުމެން އިތުބާރު ކުރަނީ ފުއާދަށް،" ސުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޝަރީފްގެ ދަށުން މަސައްކަތް ކުރައްވާ މެންބަރުންވެސް އޭނާއަށް އިތުބާރު ނުކުރައްވާ ކަމަށާއި ޝަރީފް މިހާރުވެސް އުޅުއްވަނީ އިންތިހާބު ބާއްވަން ކެރިވަޑައިނުގަންނަވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ވާހަކަ ދައްކާއިރަށް ބަޖެޓް ނެތް ކަމަށާއި ކޮވިޑްގެ ބަހަނާ ދައްކައިގެން އިންތިހާބު ނުބޭއްވުމަށް ޝަރީފް އުޒުރު ދައްކަވާ ކަމަށެވެ. އަދި ސަރުކާރުން ޝަރީފްގެ މައްޗަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައި، ސުޖާއު ވިދާޅުވީ މެންދުރުގެ ފަރިއްކޮޅަށް ޝަރީފް ރައީސް އޮފީހަށް ވަޑައިގަންނަވާ ކަމަށެވެ.
ޝަރީފް އީސީން ބޭރު ނުކުރެއްވިގެން އުޅެނީ، އޭނާއަށް ސަރުކާރުގެ މަގާމެއް ހަމަޖައްސާފައި ނެތުމުން ކަމަށާއި ނަމަވެސް އިންތިހާބަށް ދާނީ އީސީން ޝަރީފް ވަކިކޮށްގެން ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޝަރީފް ވަކި ކުރާނަން، މީގެކުރިން އީސީގެ ނާއިބު ރައީސް އަކުރަމް ވަކިކުރާ ވާހަކަދެއްކީމަވެސް ބައެއް މީހުން ގަބޫލެއް ނުކުރި. އެކަމަކު އޭނާވެސް އެވަނީ ވަކިކޮށްފައި، ޝަރީފުވެސް ވަކި ކުރާނަން،" ސުޖާއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު