ކެފޭ އުސޫލުން ފުޅާ ދާއިރާއެއްގައި މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރަމުން އަންނަ އިތުރު ދެ ތަނެއްގެ ވެރިންނަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތިން ތަނެއްގެ ވެރިންނަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަަށް ފޮނުވާފައިވާ ކަމަށެވެ. އެ ތިން ތަނަކީ މ. ބްރައިޓް ފްލާވާ، ގ. ފްރެޝްލައިޓް އަދި ގ. ހިލާލުގޭގެ ވެރިންނެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ދައުވާ ކުރަން ފޮނުވާފައިވަނީ ބްރައިޓްފްލާވާ ގޭގެ ވެރިޔާއަށެވެ.
އޮފިޝަލް ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔާފާރިކޮށް އެތަކެތި ބޭނުންކުރާ 21 ތަނެއް މިހާތަނަށް ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 16 ތަނެއްގެ ވެރިންނަށް ނޯޓިސް ދީފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ފަރާތްތަކަށް ވެސް ދައުވާ ކުރަން ފޮނުވަން ޖެހިދާނެ. އެކަން އިނގޭނީ ތަހުގީގު ނިމުނީމަ. ދެން 16 ތަނެއްގެ ވެރިންނަށް އަޅުގަނޑުމެން ވާނީ ނޯޓިސް ދީފަ. މިތަންތަނުގަ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނޭ. ބާކީ އިން ފަސް ތަނެއް. އެތަންތަނުގެ ވެސް ތަހުގީގު ކުރިއަށްދަނީ." އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިތައް ދަނީ ހިންގަމުންނެވެ. މިއީ މިފަދަ މައްސަލައެއްގައި ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި، ފުލުހުން ދައުވާ ކުރުމަށް ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކުރިން ފުލުހުންގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ސާފުކުރުމަށްފަހު ދައުވާކުރަން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ވަނީ މިފަހުން ނޫސްވެރިންނާއެކު އެފަދަ ގެތަކަށް ރެއިޑް ޖަހައި، އެތަންތަނުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ގާނޫނީ ހުރަސްތަކާ ހެދި އަދިވެސް އެފަދަ ގެތައް ބަންދުކުރުމަށް ފުލުހުންނަށް ދަނީ ހުރަސްތަކާ ކުރިމަތިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު