ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅައި، އެމީހުން ދޫކޮށްލަން ނެރުނު އަމުރު ބާތިލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސެޕްޓެމްބަރު 14 ވަނަ ދުވަހު ލިބުނު މައުލޫމާތާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފަންގިފިލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހަކު ކުރިމިނަލް ކޯޓުން ވަނީ މިމަހުގެ ކުރީކޮޅު ދޫކޮށްލައިފައެވެ. އެ ފަސް މީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ. އަދި އެމީހުން ދޫކޮށްލުމަކީ މިވަގުތު މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ފެންނާތީއެވެ.

އެ ނިންމުންތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެގޮތުން ހައި ކޯޓުން މިއަދު ވަނީ އެ މައްސަލަތަކުގެ ހުކުމް އިއްވައިފައެވެ. ހައި ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ އަމަލު ކަމަށްވާ ކެނެބިސް ޓްރެފިކް ކުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް "ޝަރީއަތަށް ގަބޫލު ކުރެވޭ މިންވަރަށް ބުނެދެވިފައި ނުވާކަމަށް" ބުނާ ބުނުމަކީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ 3/A-SC/2011 ގަޒިއްޔާގައި މުޖުތަމައަށް ނުރައްކާތެރިކަން ބޮޑު ކުށުގެ އަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ބަޔާންކޮށް ކަނޑައަޅާފައިވާ އުސޫލު ނެގެހެއްޓިފައި ނެތް އަދި ފެންނާން ހުރި ހަގީގަތްތަކާވެސް ފުށުއަރާ ނިންމުންތަކެއް ކަމަށެވެ.

"ކަމެއް އެނގުމާ ކަމެއް ގަބޫލުކުރެވުމާއި މިއީ ގާނޫނީ ގޮތުން ބޭނުންކުރާ ސާބިތު ކުރުމުގެ ދެ މިންގަނޑު. ކަމެއް އެނގިއްޖެކަމަށް ބުނެވޭނީ އެމީހަކަށް އެކަމެއް ހަމަ ހަގީގަތުގައިވެސް އެނގިފައި އޮވެގެން. މިއާ ހިލާފަށް ކަމެއް ގަބޫލު ކުރުމޭ ބުނެވެނީ އެވަގުތަކު އެކަމެއް އެއޮތް ގޮތް ނޭނގުނަސް ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށާއި އެ މައްސަލައަކާ ގުޅިފައިވާ އެހެން ހަގީގަތްތަކުގެ މައްޗަށް ބަލާއިރު، އެކަމެއް އެހެން އޮވެދާނެކަމަށް ކުރާ ތަސައްވުރެއް ގަބޫލު ކުރެވުމަކީ އިންސާނާގެ ބުއްދީގެ ހަރަކާތްތަކާ ގުޅިފައިވާ ކަމެއް ކަމަށްވީނަމަވެސް، އެކަން ގަބޫލުކުރެވޭ ކަމަށް ނުވަތަ ނުކުރެވޭ ކަމަށް ބަޔާން ކުރަންވާނީ، އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބުރަނުވެ، މައުލޫއީ ހަމައަކުން، ކޮންމެ މައްސަލައެއްގައިވެސް ހުށަހެޅިފައިވާ ހަގީގަތްތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް، ގާނޫނާއި ގަވާއިދާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބުރަވެ،" ހުކުމުގައިވެއެވެ.

އެހެންކަމުން އެ ފަސް މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ ބައެއްކަން ސާފުކޮށް އެވެގެން އޮންނަ ކަމަށްވެސް ހުކުމުގައިވެއެވެ.

އެ ފަސް މީހުންނާއި އެ ކުށާ ގުޅުވޭނެ ހެކި ހުރި ކަމަށް ނިންމުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލަން އަމުރު ކުރުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ހިލާފު ނިންމުމެއް ކަމަށްވެސް އެ ހުކުމުގައިވެއެވެ. އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ "ކުށުގެ ތުހުމަތު ކުރެވޭ މީހާ" ގެ މި ލަފްޒު ދަށު ކޯޓުން މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެއެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ ފަސް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުތަކަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރުތަކެއް ނޫން ކަމަށާއި އެހެންކަމުން އެ އަމުރުތައް ބާތިލުކުރުމާއެކު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދޭތާ ހަތް ދުވަސް ތެރޭގައި އެކަމާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

"ކޯޓު އަމުރުތަކަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރުތަކެއް ނޫންކަމަށްވާތީ، އެ އަމުރުތައް ބާތިލުކޮށް، އިސްތިއުނާފު ރައްދުވާ ފަސް މީހުންގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލާފައިވާ ދައުވާތައް ޝަރީއަތް ނިމެންދެން އެ ފަސް މީހުން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި، އެ ފަސް މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމާ މެދު، މި ގަޒިއްޔާގައި ބަޔާން ކުރެވުނު އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ކަނޑައެޅުމަށް އަމުރުކުރަން،" ހުކުމުގައިވެއެވެ.

އެ ފަސް މީހުންގެ ތެރެއިން އަހްމަދު އަހުނަފް އަޝްފާގު، ހައި ކޯޓަށް މިއަދު ހާޒިރުވެފައިނުވާތީ އާއި އޭނާ ހުރީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން ގޮސް ތ. އަތޮޅުގައި ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން ހައި ކޯޓުން ވަނީ އޭނާ ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.