ކުރިސްމަސް ފާހަގަ ކުރުމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާކަމުގެ ހެއްކެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިހު އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ކުރިސްމަސް ފާހަގަ ކުރުމަށް ކ. މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ވަނީ އިއްޔެ ނަގައިފައެވެ.

ކީރިތި ގުރުއާނުން ހުއްޖަތް ދައްކަވައި، ޝެއިހު އިލިޔާސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރިސްމަސް ފާހަގަ ކުރުމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާކަމުގެ ހެއްކެއް ކަމަށާއި ތިމާ ބޭނުންވާކަމެއް ހާސިލް ކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނާ ފުށުއަރާ ގާނޫނުތަކަށް މުސްލިމުން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

ފުލުހުން ބުނީ މާފުށީގައި ހުންނަ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ކްރިސްމަސް ގަހެއް ބަހައްޓާފައިވާ މައްސަލައެއް ހުށަހެޅުމުން، އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ކަމަކަށްވާތީ ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން މަޝްވަރާ ކުރި ކަމަށެވެ.

ނަމަވެސް އެ މަޝްވަރާތައް ކާމިޔާބު ވެފައި ނުވާތީ، ކޯޓު އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދީނީ ކަންކަމަށް ފުށު އަރާ ކަންތައްތައް ނުކުރެވޭނެ ކަމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ހާއްސަކޮށް ކްރިސްމަސް ފަދަ ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ގާނޫނުން މަނާ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދެ އެވެ.

އާ އަހަރާއި ކްރިސްމަސް ފަދަ ޗުއްޓީތަކާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު އެދުވަސްތައް ރިސޯޓްތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ.