މީގެ ހަ އަހަރު ކުރިން، 2018 ވަނަ އަހަރުން ފެށިގެން ވެސް ތާއީދު ކުރައްވަނީ މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް އަދާލަތު ޕާޓީގެ އިމްލުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިގޮތަށް ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ތިން ފިޔަ ޖަގަހަ ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ، މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުން އައީ އައްޑޫ ރައްޔިތުންގެ އިހުސާސްތަކާ ކުޅެމުން ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް އިހުމާލުވެފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އައްޑޫ ރައްޔިތުން ވިސްނައި ފިކުރު ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ. މިއަދުގެ ސަރުކާރުން އައްޑުއަށް ބޭނުންވާ ކަންކަން ކުރުމަށް އެވަނީ މަގުފަހި ކޮށްފަ. އޭގެ ބޭނުން ހިފަންޖެހޭ. އައްޑޫ ރައްޔިތުން އެކަތިގަނޑަކަށްވެ މިކަމަށް މަސައްކަތް ކުރަންވީ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖެއަށް އައި ހާލަތާއި ވަގުތުގައި އެ ދުވަހުވެސް ނެންގެވި ފިޔަވަޅު މަތީ މިއަދާ ހަމައަށްވެސް ސާބިތުކަމާ އެކު ހުންނެވި ކަމަށެވެ. އަދިވެސް އޭނާ ހުންނެވީ ރައިސް ސާލިހާއި އެމަނިކުފާނުގެ ރަނިން މޭޓް ނައިބު ރައީސް ފައިސަލް ނަސީމުގެ ފަހަތްޕުޅުގައި ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން މިއަދާ ހަމައަށްވެސް ރައްޔިތުން ބޭނުންވި ކޮންމެ ކަމެއްވެސް ރައީސް ސޯލިހު އިހުލާސްތެރިކަމާ އެކު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި އަދި ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.