ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތެރިންނާ އެކު، ޗާނދަނީމަގުގައި ހުންނަ ދަނޑިކޮށި ޖަގަހައިގައި ބޭއްވެވި ބައްދަލުވުމަށްފަހު ގެއަށް ވަޑައިގަތުމަށް ކާރަށް އަރައިވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

އެގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށެވެ.

ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެއްބަސްވާ ރިޔާސީ ކެންޑިޑޭޓަކާ އެކު، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އަދި އެ ޕާޓީން ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މިއަދު އެ ގަރާރު ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.