ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ކޮންމެ ދުވަހަކު ހިންގަމުން އައި ކާފިއު އުވާލައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިރެއިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާ ކޮށްފައިވާ އޮތް އޮތުން ބާތިލްކޮށްފައިވާ ކަމަށެވެ.

މިރޭ އުވާލާފައިވަނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއުއެވެ. އެފަހަރު ކާފިއު އިއުލާންކުރީ ރޭގަނޑު 10:00 އިން ފަތިހު 5:00އަށެވެ. އޭގެ ފަހުން ދެ ފަރަހެއްގެ މަތިން ވަނީ ކާފިއު ހިންގާ ގަނޑިތަކަށް ބަދަލު ގެނެސް، ލުއިތަކެއްދީފައެވެ.

މީގެ ކުރިން އެއް ފަހަރަކު ވަނީ މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއު އުވާލައިފައެވެ. އެގޮތުން އޭޕްރީލް މަހުގެ ދެއަކުން ފެށިގެން މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއު އެފަހަރު އުވާލީ އެމަހުގެ ނުވަ ވަނަ ދުވަހުއެވެ.

މާލެ ސަރަހަށްދަށް އިއުލާންކޮށްފައިވާ ކާފިއު އުވާލި ނަމަވެސް، މާސްކް އެޅުން އަދިވެސް އޮތީ މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން ހޯމް ކަރަންޓީންވެސް އުވާލައިފައެއް ނުވެއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ބުންޏެވެ.