ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.
ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި ބަނގުލަދޭޝްގެ ދެ މީހަކާއި ހަތަރު ދިވެހިންނެވެ. މި ހަތް މީހުންގެ ތެރެއިން މި ތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރީ ގއ. ވިލިނގިލި, ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި, ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ވަން" އަށް ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ދައުވާ ކުރުމަށް ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މޫސަ އާއި ޝަހީބް އަދި އިގްބާލްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފީން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. މިއިން ކޮންމެ ކުށެއް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
މި މައްސަލައިގައި ހިމެނޭ މުހައްމަދު ރިޔާދުގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ދައުވާކޮށްފައި ވެއެވެ. އަދި އަސީލު މާހިރު އަދި އަނަސް ހުސެއިންގެ މައްޗަށް އެ ތިން ދައުވާގެ އިތުރަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ކޮށްފައިވެއެވެ.
ޝަހީބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. ނަމަވެސް އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި އީރާން ހަތް މީހުން ފަހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް، ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ތެރެއިންނެވެ. ދޯނިން ފެނުނު ތަކެތީގެ ތެރޭގައި ހިމެނެނީ މެޓައެމްފިޓަމިން އާއި ހެރޮއިން ކަމަށް ފުލުހުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު