ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއްގެ އިސްވެރިޔެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައިފިއެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ވަން" އަށް ވިދާޅުވީ ޝަހީބްގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއްނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބްގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޑައިމޯފީން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ. މިއިން ކޮންމެ ކުށެއް ސާބިތުވެއް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ހެއްކާއެކު ޝަހީބުގެ ބަންދަށް ހުށަހެޅުމުން ކޯޓުން ފުރަތަމަ ދިނީ 14 ދުވަހެވެ. ނަމަވެސް ނަމަވެސް އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން އޭރު ބުނީ، ޝަހީބު ދޫކޮށްލީ ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިވެސް ހުށަހެޅުމުން ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ނިންމީ، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ޝަހީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެ މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވެސް ނިންމީ ޝަރީއަތް ނިމެންދެން ޝަހީބް ބަންދުގައި ބެހެއްޓުމަށެވެ.