ކޯޓުތަކުގެ ފަނޑިޔާރުންނަށް މިހާރު ހުކުމެއް ނުވިއްކޭނެ ކަމަށާއި ހުކުމް ވިއްކައިފިނަމަ، އެފަރާތްތަކެއް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރެވިއްޖެ ކަމަށާއި އެ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީންވީ ވައުދު ފުއްދާފައިވާ މިންވަރު ނިންމާނީ ރައްޔިތުން ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓް އެއްކޮށް ބަދަލުކޮށް، އެ ކޯޓަކީ ދެފުށް ފެންނަ ގޮތަށް ޝަރީއަތް ހިންގާ ތަނަކަށް ހެދިފައިވާއިރު ފަނޑިޔާރުންގެ ޝަކުވާ ފަސޭހައިން ބަލައިގަނެ، އެ ޝަކުވާތައް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ޝަރުއީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން އިތުބާރުކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"(ކޯޓްތަކުން) ހުކުމެއް ނުވިއްކޭނެ މިހާރު، ނުވިއްކޭނެ ހުކުމެއް. ވިއްކައިފިއްޔާ އަޅުގަނޑަށް އިނގޭނެ. ވިއްކައިފިއްޔާ އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭނެ. ބަލާނަން، ހޯދާނަން، ފިޔަވަޅު އަޅާނަން، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ރައްޔިތުންގެ މަޖިލީހުން ވެސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެދެވިގެންވާ މަސައްކަތްތަކެއް ކުރެވިގެން ނުދިއުން ކަމަށެވެ.

ނަމަވެސް ލިބޭ އުފަލަކީ ފުލުހުންގެ ބިލު އިސްލާހުކޮށް، ފާސް ކުރެވިފައިވުން ކަމަށާއި އެބިލުގެ ސަބަބުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެންމެ ފުރިހަމަ ގޮތުގައި ބެލުމަށް ފުރުސަތު ލިބިދޭނެ ކަމަށް ވިދާޅުވި އެވެ.