އިންތިގާލީ އިންސާފުގެ ބިލު ގާނޫނަކަށް ބަދަލުވުމުން އެމްޑީޕީގެ "އެޖެންޑާ 19" ގެ އިންސާފުގެ ވައުދުގައި ހިމެނޭ ގިނަ ގާނޫނުތައް ފާސްވެ ނިމުނީ ކަމަށް އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" ވެސް އިއްޔެ ވަނީ އުފައްދަވައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ، ރައީސް ސޯލިހަށާއި ބަންޑާރަ ނައިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންނަށް ސާބަހާއެކު މަރުހަބާ ދަންނަވައިފަ އެވެ.
އެމްޑީޕީގެ "އެޖެންޑާ 19" ގެ އިންސާފުގެ ވައުދުގެ ތެރޭގައި ހިމެނެނީ އިންތިގާލީ އިންސާފު ގާއިމް ކުރުމާއި ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމްކުރުން އަދި ޖަވާބުދާރީ ކުރުވެނި ދައުލަތެއް ބިނާކުރުމެވެ.
އިންތިގާލީ އިންސާފުގެ ބިލު ގާނޫނަކަށް ބަދަލުވުމުން ރައީސް ނަޝީދު މަރުހަބާ ވިދާޅުވި އިރު، އެ ގާނޫނަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ފާޑު ކިޔަވަމުންނެވެ. އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވި ގޮތުގައި އެ ގާނޫނަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެކެވެ. އަދި އެއީ ފިތުނަ ފަސާދަ އުފައްދައި އިޖްތިމާއީ ހަމަޖެހުން ގެއްލިދާނެ ބިލެއް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ގާނޫނަކީ ވެރިކަންކުރާ ކޮންމެ މީހަކު ޖަލަށްލުމަށް ހެދި ދަންތުރައެއް ކަމަށެވެ. އަދި އެ ދަންތުރައިން އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސަލާމަތް ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު