މާދަމާ އިން ފެށިގެން އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށަން ނިންމައިފި އެވެ.
ފްރާންސްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އެންމެ ފުރަތަމަ ފެށީ 2017 ވަނަ އަހަރު އެވެ. އެ އެއާލައިންގެ ދަތުރުތައް ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު، ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ބާއްވާނެ އެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން 115،730 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފަސް ލައްކައަށް އަރައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 20 އެއާލައިނަކުން އަންނަނީ ދަތުރު ކުރަމުންނެވެ. އޭގެ ތެރެއިން މިދިޔަ ހަފްތާގައި ބަހްރެއިންގެ ގައުމީ އެއާލައިންގެ ގަލްފް އެއާގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ އަލުން ފަށައިފަ އެވެ.
އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ޔޫރަޕްގެ އެއާލައިންތަކެވެ.
ޕީކް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ޑިމާންޑް ބޮޑުވެ، ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އެމިރޭޓްސް އާއި ގަތަރުން ދުވާލަކު ތިން ދަތުރުކުރާއިރު ސްރީ ލަންކަން އެއާލައިންސުން ވަނީ ލަންޑަނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު