ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން މަޖިލިސް އެހެން މެންބަރަކަށް ރިޝަވަތު ދިންކަމުގެ ތުހުމަތުގައި މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދު ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅުއްވައިގެން މީގެ ތިން އަހަރު ކުރިން، 27 ޖެނުއަރީ 2018 ވަނަ ދުވަހު ފާރިސް މައުމޫނު ހައްޔަރު ކުރީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ރިޝްވަތު ދިނުމުގެ މައްސަލައާ ގުޅިގެން ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވެސް ވެގެންދާނެ ކަމެއް ކަމަށް ފެންނާތީ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ހަމަ އެދުވަހު (27 ޖެނުއަރީ 2018) ގައި ފާރިސްގެ ފަރާތުން އެ މައްސަލަ ހައި ކޯޓިގައި އިސްތިއުނާފު ކުރި އެވެ.

މި މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ، މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާކޮށްފައިވާ ކަންކަމަށް ބަލާއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް "މއ. ކިނބިގަސްދޮށުގެ އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި ގަޒިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން،" ކަމަށެވެ.

ފާރިސްގެ މައްޗަށް އިތުރު ރިޝްވަތުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާ ވެސް އޭރު އުފުލި އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން އެ ދެ ދައުވާ އަނބުރާ ވަނީ ގެންގޮސްފައެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޝަހްޝު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން އޭރު ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް ހައި ކޯޓުގައި އެ މައްސަަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.