ޕާޓީތަކާއި ޝޯތައް ބޭއްވުމުގެ ހުއްދަ އަދި ލިބޭނެ ކަމަށް ވިދާޅުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކަށް އަމަލުކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އިލްތިމާސްކުރައްވައިފިއެވެ.
ހިތާނީ ޕާޓީތަކާއި ޝޯތައް ނުބާއްވަން އެޗްޕީއޭ އިން މީގެ ކުރިން ވަނީ އަންގައިފައެވެ. ނަމަވެސް އެޗްޕީއޭގެ އެންގުމާ ހިލާފަށް މާލޭ ސަރަހައްދުގައި ދަނީ ހިތާނީ ޝޯތަކާއި ހަފްލާތައް ބާއްވަމުންނެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަލްޒާ ވިދާޅުވީ، ކޮވިޑް ކޮންޓްރޯލްކުރުމަށް ހަދާފައިވާ ގައިޑްލައިންތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފޭނީ ރައްޔިތުން އެ ގައިޑްލައިނާ އެއްގޮތަށް އަަމަލުތައް ބަހައްޓައިގެން ކަމަށެވެ. އެގޮތުން ގައިޑްލައިނާ ހިލާފުވާ މީހުންނަށް ފިޔަވަޅުއެޅުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ދަންނަވަނީ ފިޔަވަޅު އެޅުމެއް ނޫނޭ މުހިންމީކީއެއް. ކަމެއްވެގެން ބަޔަކަށް ފިޔަވަޅު އަޅާއިރުގައި އެތަނުގެ އެންމެން ތިބޭނީ ބައްޔަށް އެކްސްޕޯސްވެ ނިމިފައި. އެހެންކަމުން ފައިންއެއް ކުރުމަކުން އަދި އެކަމުން ރައްކާތެރިއެއް ނުކުރެވޭނެ،" ދުނިޔޭގެ ބައެއް ގައުމުތަކުގައި ކައިވެނި ހަފުލާތަކުން ބޮޑެތި ކްލަސްޓާތައް އުފެދިފައިވާ ވާހަކައަށް އިޝާރާތްކުރައްވައި ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މާލޭ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ހުރީ އެއް ޕަސަންޓާއި ތިން ޕަސަންޓާ ދެމެދު ކަމަށާއި އެހާ ދަށްކޮށް ޕޮޒިޓިވިޓީ ހުރީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ބަޔަކު އަމަލުކުރާތީ ކަމަށެވެ.
ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ދޫތައް ދެމުން އަންނަ ކަމަށާއި ދޫތައް ދެމުން އަންނައިރު ގައިޑްލައިންތަކަށް ވީހާވެސް ބޮޑަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، ބޭނުންވަނީ ކުޑަ ކެތްތެރިކަމެއް ކަމަށާއި ވެކްސިނާއެކު ޕާޓީތަކާއި ހަފުލާތައް ބޭއްވުމުގެ ހުއްދަވެސް ދެވިގެންދާނެ ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވެކްސިން ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށްފަހު ދެން މި ހަފުލާތަކާއި ޕާޓީތަކާއި މިކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ދުވަސް އަންނާނެ ކުރިއެކޭ އެއްގޮތަށް. އެހެންނަމަވެސް މި ދުވަސްކޮޅު ވަރަށް ބޮޑަށް އެބަޖެހޭ ކެތްކޮށްލާފައި މިހާރު ހުރި ކަންކަމުގައި ހިފަހައްޓައިގެން ކުރިއަށްދާން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގަައި ހިތާނީ ޕާޓީތަކާއި ހަފުލާތައް ބޭއްވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ފުލުހުންނާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު